03 Jun 2015, 14:22
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އިކޮނަމިކް އެންޑް ޔޫތު ކައުންސިލްގެ ކޯޗެއާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑްގައި ކުރިއަށްދާ ޔޫއެންޑަބްލިއުޓީއޯގެ ރީޖަނަލް ކޮންފަރެންސް ފެށުމަށްފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި އަދީބު ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖޭގެ އެކި ސިނާއަތަށް މާލީފައިދާ ކުރާކަމަށާއި ފަތުރުވެރިކަމަކީ އިގްތިސާދުގެ މައިބަދަ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށްއޭގެ ފައިދާ ނުކުރާ ކަަމަށް ބައެއް ފަރާތްތަކަށް ހީވާ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް އަދީބު ވިދާޅުވިއެވެ.
" ފިޝިން ވިލެޖަކުން ރާއްޖެ މިވަނީ ވަރަށް ބޮޑަށް ތަރައްގީވެފަ،" އަދީބު ވިދާޅުވިއެވެ.
އެންމެ އާދައިގެ މީހާ އަތުގަ އެއްމެ ފަހުގެ މޯބައިލް ފޯނެއް އޮންނަ ކަމަށާއި އިގްތިސާދީ މި ފުދުންތެރިކަމުގެ އަސްލަކީ ފަތުރުވެރިކަން ކަމަށް އަދީބު ވިދާޅުވިއެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން ޔޫއެންޑަބްލިއުޓީއޯގެ ސެކެއްޓަރީ ޖެނެރަލް ތާލިބް ރިފާއީ ވިދާޅުވީ އެހެން ކޮންފަރެންސްތަކާއި އަޅާބަލާއިރު އެ ކޮންފަރެންސްގައި ބައިވެރިވި މީހުންގެ އަދަދު ގިނަ ކަމަށެވެ.
މި ކޮންފަރެންސްގައި މެމްބަރު 24 ގައުމުގެ ތެރެއިން 18 ގައުމުން ބައިވެރިވާ ކަމަށް ތާލިބް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފާވާ ކާމިޔާބީ ތަކަށް ރަފާއީ ވަނީ ތައުރީފްކޮށްފައެވެ.
ބަަނޑޮހުގައި ދެދުވަހަށް ކުރިއަށްދާ ކޮންފަރެންސްގެ ސަބަބުން ފަތުުރުވެރިކަމަށް 'ބޫސްޓެއް' އަންނާނެ ކަަމަށް އަދީބު ވިދާޅުވިއެވެ.
މި ކޮންފަރެންސަކީ ސައުތުއޭޝި އާއި އިރުމަތީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރުން ފެންވަރުންގެ ބޭފުޅުންގެ ބައްދަލުވުމެކެވެ.