03 Jun 2015, 13:16
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބިލް ގާނޫނަކަށްވުމުން ކުޅިވަރު ދާއިރާއަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
އޭޝިއަން ސީނިއާ މެން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ގައުމީ ވޮލީ ޓީމް މާލެ އައުމުން ކުޅުންތެރިންނަށް މަރުހަބާ ދެންނެވުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅުދައްކަވަމުން ޒުހޫރު ވިދާޅުވީ ކުޅިވަރުގެ ބިލު ފާސްވެ ގާނޫނަކަށް ބަދަލުވެގެން އައުމުން ކުޅިވަރު ހިންގުމުގެ އޮނިގަނޑު ކޯޕަރޭޝަނެއްގެ ތެރެއަށް ބަދަލުވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ހިންގުމުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުން ލިބިގެންދަނެ ކަމަށެވެ.
ގާނޫނު ފާސްވެގެން އައުމުން ކުޅިވާރާ ބެހޭ ވުޒާރާ ވެގެންދާނީ ކުޅިވަރު ރެގިއުލޭޓަރީ ލެވަލެއްގައި މަސައްކަތް ކުރާ މުއައްސަސާއަކަށް ކަމަށް ވެސް މިނިސްޓަރު ޒުހޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ގާނުނު އައުމުން އިންތިޚާބު ވެފައި އޮންނަ ނުވަ މެންބަރުންގެ ކުޅިވަރު ކައުންސިލެއް އޮންނާނެ ކަމަށާއި އެކައުންސިލްގެ ތެރެއިން ކުޅިވަރު ކޯޕަރޭޝަންގެ މަސައްކަތް ދުވަހުން ދުވަހަށް އޮބްޒާވް ކުރެވި ކުޅިވަރު އެސޯސިއޭޝަންތައް ރަޖިސްޓަރީ ވެގެންދާނީ ވަކި ރަޖިސްޓާއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
ކުޅިވަރު ކޯޕަރޭޝަންގެ ތެރެއިން އަހަމިއްޔަތުކަން ދޭންޖެހޭ ކުޅިވަރުތައް އެނގި މަސައްކަތް ހަލުވި ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުޅިވަރުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެވެ.
މިހާރު އެބިލް ވަނީ މަޖިލީހަށް ބަލައިގެން ދިރާސާކުރުމަށްޓަކައި ކޮމެޓީއަކަށް ފޮނުވާފައެވެ.