03 Jun 2015, 13:01
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ އިން "ވައިޓް އެލާޓް" ނެރެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު 1:40 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ވައިޓް އެލާޓް މިއަދު ނެރުނީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން އެކަން ސަމާލު ކަމަށް ގެންނަން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އިތުރާއި މެދުރާއްޖެ ތެރެއަށް ގުގުރުމާ އެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު ދެކުނުގެ އަތޮޅުތަކަށް ވެސް ކޮންމެވެސް ވަރަކަށް ވިއްސާރާގެ އަސަރު ކުރާނެ ކަމަށެވެ.
"ކަނޑުތަކަށް ބަލާއިރު މެދު ރާއްޖެ ތެރެއަށް އާދައިގެ މިންވަރަކަށް ކަނޑު ގަދަވާނެ ކަމަށް ބެލެވެނީ." މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މެދު ރާއްޖެ ތެރެއަށް އަށް މެއިލް އާއި 18 މެއިލާ ދޭތެރޭ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު އެހެން ހިސާބްތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ފަސް މެއިލް އާއި 15 މެއިލްގެ ބާރު މިނެއްގައި ކަމަށެވެ.
މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ހުދާއި ރީނދު ލާއި ރެޑް އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.