03 Jun 2015, 12:52
ދައުލަތަށް ފައިސާ ދެއްކުމަށް ވިލާހޮޓެލްސް އެންޑް ރިސޯޓްސް އާއި ވިލާ ހޮލިޑޭ އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޮނުވި ނޯޓިހަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ހައިކޯޓުގައި އެދިއްޖެ އެވެ.
ވިލާގެ އެ ދެ ކުންފުނިން އެފަދަ އަމުރަކަށް އެދިފައި ވަނީ ދައުލަތަށް ފައިސާ ދެއްކުމަށް މީރާއިން އެ ދެ ކުންފުންޏަށް އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނުމުން އެ ކޯޓުން އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވާތީ އެވެ.
ވަކި ވަކިން ބޭއްވި އެ ދެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވިލާގެ ފަރާތުން އެފަދަ އަމުރަކަށް އެދުމުން މީރާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
އެ ނޯޓިހާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ މީރާއިން އަންގައިގެން ވިލާގެ އެކައުންޓުތައް ވަނީ ފްރީޒް ކޮށްފަ އެވެ.
މީރާއިން ފައިސާ ދައްކަން އަންގާފައި ވަނީ ވިލާ ހޮލިޑޭސް އަށް ދީފައިވާ ކ. މާދިއްގަރުފަޅާއި ކަނުހުރާފަޅުގެ އިތުރުން ވިލާ ހޮޓެލަށް ދީފައި އޮތް ކ. ބޮލިދުއްފަރާއި ވާވެއްދިއްފަޅުގެ މައްސަލާގައެވެ.
ސިވިލް ކޯޓުން ވިލާއިން އެދުނު ވަގުތީ އަމުރު ނެރެދީފައި ނުވަނީ، މީރާގެ ނިންމުމުގެ ސަބަބުން ވިލާއަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކަކަށް ވާއިރު، އެފަދަ ގެއްލުމަކީ އަދުލުވެރިގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުމެއް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ބުނެ އެވެ.