ށ. ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލް އިމާރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރަމުންގެންދާ މަސައްކަތަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިދިކޮޅު ޑީއާރުޕީގެ ވަފްދެއް ފުނަދު އަށް ދިއުމަށް ފުރައިފި އެވެ.

މި ވަފްދުގައި އިސްކޮށް ހުންނެވި، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޗެއާ ޕާސަން އަލީ ވަހީދު މިއަދު ވިދާޅުވީ، ޑީއާރުޕީގެ ވަފްދުގައި ހިމެނި ވަޑައިގަންނަވަނީ، ފުލުހުންނާއި ސިފައިންނާ ގުޅުން ހުރި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށެވެ.

"އަޅުގަނޑުމެން އެ ރަށަށް ގޮސް ކައުންސެލަރުންނާއި ރައްޔިތުންނާއި އަދި ފުލުހުންނާ ބައްދަލުކޮށް، މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރާނަން. އަދި ޣައިރު ގާނޫނީ އަމުރުތައް ކުރާ ވަކިވަކި ފުލުހުން އަޅުގަނޑުމެން ފާހަގަ ކުރާނަން. އަޅުގަނޑުމެންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ފުލުހުންނާއި ސިފައިންނާ ގުޅުންހުރި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މެންބަރުން. އޭގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީގެ މެންބަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެންބަރު މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ހިމެނިވަޑައިގަންނަވާ" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ފުނަދޫ މައްސަލައިގައި ޑީއާރުޕީގެ ސްޓޭންޑަކީ، ށ. އަތޮޅު ކައުންސިލްގެ އިދާރާއަކީ ފުނަދޫގައި ގާއިމްކުރެވިފައިވާ އިދާރާ ކަމަށް ފުނަދޫ ކޯޓުން ނެރެފައިވާ އަމުރު ކަމަށެވެ. އަދި އެ އަމުރު ބަދަލުކުރެވޭނީ އެއަށް ވުރެމަތީ ކޯޓަކުންނެރޭ އަމުރަކުން ކަމަށް ވާތީ، މިލަންދޫ އަށް ކައުންސިލްގެ އިދާރާ ބަދަލު ކުރުމަށް މިލަންދޫ ކޯޓުން ރޭ ނެރެފައިވާ އަމުރަކީ ކިޔަމަންވާން ޖެހޭ އަމުރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"މިފަހަރު ގާނޫނީ ގޮތުން ގޮތެއް ނިމެންދެން އަޅުގަނޑުމެން ދުލެއް ނުދޭނަން. ފުނަދޫ ކޯޓުން ނެރެފައިވާ އަމުރު ބަދަލު ކުރެވޭނީ އެއަށް ވުރެ މަތީ ކޯޓަކުންނެރޭ އަމުރަކުން. އަދި ފުނަދޫ ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި އޮއްވައި ނިލަންދޫ ކޯޓުން ނެރެފައިވާ އަމުރަކީ އެއަށް އަމަލު ކުރަން ޖެހޭ އަމުރެއް ކަމަކަށް ނުދެކެން. އަދި މިކަމުގައި ގަނޫނީ އިމުގެ ތެރެއިން ރައްޔިތުން ކުރާ ކޮންމެ އިހްތިޖާޖެއްގައި އަޅުގަނޑުމެން ބައިވެރިވާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އަދި ވިދާޅުވީ ޣައިރު ގާނޫނީ އަމުރަށް ކިޔަމަންނުވުމަށް، ފުލުހުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ޣައިރު ގާނޫނީ ގޮތުން އަންނަ އޯޑަރުތަކަށް ބައެއް ފުލުހުން ކިޔަމަން ނުވުމުގެ ސަބަބުން، ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުން ފުނަދުއަށް ފޮނުވަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.