03 Jun 2015, 12:31
ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ ބިލުގެ ފުރަތަމަ ކިއުން އިއްވުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ބިލުގެ ފުރަތަމަ ކިއުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވަސް، އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ދާނީ މާދަމާގެ ޖަލްސާގައި އެ ބިލު ބަލައި ގަތުމަށް ފާސްވެއްޖެ ނަމައެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. ނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައި ކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. މެމްބަރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ފަރާތަކަށް ވެސް ހިނގާނެއެވެ.
މުހައްމަދު ވަނީ މީގެކުރިން ވެސް މިފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެގޮތުން މުހައްމަދު އޭރު ހުށަހެޅުއްވި އިސްލާހަކީ 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު މީގެކުރިން ވިދާޅުވެފައި ވަނީ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ކަނޑައެޅުމަށް ކަަމަށެވެ. ނަމަވެސް އެ އިސްލާހު ފަހުންވަނީ ނަންގަވައިފަ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 77 ފުރޭނެ އެވެ. އަދި މި އަހަރު ގާސިމަށް ވަނީ 65 އަހަރު ފުރިފަ އެވެ.