އައްޑޫސިޓީ މަރަދޫގައި ތަފާތު އެކި ދުވަސްމަތިން 14 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ރޭޕް ކުރި މައްސަލާގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަން އަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރު ކޮށްފައި ވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ވަނީ ކޯޓް އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭ ހިމެނެނީ އުމުރުން 81 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންގެ ބަންދަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުން ބުނެފައި ވަނީ ޖިންސީ ގޯނާގެ އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭ އަންހެން ކުއްޖާގެ އާއިލާގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ 56 އަހަރުގެ މީހާއަކީ ކުޑަ އަންހެން ކުއްޖާގެ ބައްޕަ އެވެ. އަދި 18 އަހަރުގެ ފިރިހެން ކުއްޖާއަކީ އެ އަންހެން ކުއްޖާގެ ބޭބެ އެވެ.