03 Jun 2015, 11:52
ރާއްޖޭގެ ރަސްމީ ރިޒާވްގައި އޭޕްރީލް މަހުގެ ނިޔަލަށް 664.7 މިލިއަން ޑޮލަރު ހުރި ކަމަށް، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުން އޭޕްރީލް މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 664.7 މިލިއަން ޑޮލަރު ހުރި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 53 ޕަސެންޓްގެ ކުރިއެރުމެކެވެ.
މާޗް މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 644.9 މިލިއަން ޑޮލަރެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 29 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން އޭޕްރީލް މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 204.4 މިލިއަން ޑޮލަރު ހުރި އިރު އެ އަދަދު ވަނީ އަހަރުން އަހަރަށް ބަލާ އިރު، 50 ޕަސެންޓް އިތުރު ވެފަ އެވެ. މަހުން މަހަށް ބަލާ އިރު އެއީ ފަސް ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރަސްމީ ރިޒާވްގައި އެހުރި މިންވަރަކީ ހަތަރު މަހުގެ އިމްޕޯޓް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން ބުނާ ގޮތުން އޭޕްރީލް މަހުގެ ނިޔަލަށް އިގްތިސާދުގައި ހުރި ޖުމުލަ ފައިސާގެ އަދަދު 29.8 ބިލިއަން ރުފިޔާ އަށް އަރައެވެ. މާޗް މަހަށްވުރެ އޭޕްރީލް މަހު އެ އަދަދު ނުވަ ޕަސެންޓް އިތުރުވެފައިވާއިރު އޭގެ ސަބަބަކީ އެމްއެމްއޭގެ ނެޓް ފޮރިން އެސެޓް އިތުރުވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.