03 Jun 2015, 12:40
ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ރާއްޖޭން ބޮޑަތި އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ އދ.ގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ)ގެ ދެ ކޮމިޝަނެއްގެ ބައްދަވުމާއި މިނިސްޓަރުން ފެންވަރުގެ ސަރަހައްދީ ބައްދަލުވުމެއް ފެށުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ފުރިހަމަ ތަސައްވަރެއް ގެންގުޅުއްވާ ކަމަށެވެ.
އޭގެ ތެރޭގައި އެކްސްޕޯޓް ކުރާ މުދަލުގެ މިންވަރު އިތުރު ކުރުމާއި ވަޒީފާ އުފެއްދުން އަދި އިންފްރަސްޓްރަކްޗާ ތަރައްގީކުރުން ހިމެނޭކަމަށް އަދީބު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި ބަރެސްދޫ ގެސްޓްހައުސް މަޝްރޫއު އާއި އެސްއީޒެޑްގެ އިތުރުން މާލޭ އެއާޕޯޓް ތަރައްގީ ކުރުން ހިމެނޭ ކަމަށް އަދީބު ވިދާޅުވި އެވެ.
"ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބޮޑު ބަޖެޓުގެ އެދެވޭ އަސަރު ތަފާސްހިސާބުތަކުން ދަނީ ހާމަވަމުން. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ސަރުކާރުން ކަނޑައެޅި 1.2 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވުރެ އިތުރުވި. އެއީ 2013އާ އަޅާބަލާއިރު 7.1 ޕަސެންޓްގެ ކުރިއެރުމެއް،" އަދީބު ވިދާޅުވި އެވެ.
އަދީބު އިތުރަށް ވިދާޅުވީ، ޓޫރިޒަމްގެ ސަބަބުން އިގްތިސާދާއި މުޖުތަމައު އަށް ކުރާ ފައިދާ ބަލައިގަނެ ސިޔާސީ އަދި އިގްތިސާދީ ގޮތުން އެ ކަމަށް އަހައްމިއްޔަތުކަން ދޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
އޭޝިއާ ޕެސިފިކް ބައެއް ގައުމުތަކުގެ މުޅި އިގްތިސާދު ބިނާވެފައި ވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށާއި ޓޫރިޒަމުން ކުރާ ފައިދާތަކުގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ އެ ސިނާއަތާ ގުޅިފައިވާ މަސައްކަތްތަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް އަދީބު ވިދާޅުވި އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބަނޑޮހުގައި ބާއްވަނީ ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ އަށް ހާއްސަ ކޮމިޝަނާއި އިރުމަތީ އޭޝިއާގެ ގައުމުތައް ތަމްސީލްކުރާ ކޮމިޝަންގެ ބައްދަލުވުމެވެ.