03 Jun 2015, 12:50
ކ. ގާފަރުގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ރަށުގައި ތިބެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ހެދުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ގާފަރު ކައުންސިލްގެ ރައީސް އާދަމް ޒާހިދު "ސަން" އަށް މިއަދު ވިދާޅުވީ އައިޑީކާޑެއް ހައްދާލުމަށް މާލެ ދާއިރު ބޮޑެތި ހަރަދުތަކެއް ހިނގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ގޮވައިގެން މާލެ ދިއުމަކީ ވަކި ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ކައުންސިލުން ވިސްނީ ރައްޔިތުންނަށް އެކަމުގައި ލުއި ފަސޭހަ ގޮތެއް ހަދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރަން ފެށީ ރަށުގެ ރައްޔިތުންނަށް ފަސޭހަ އަކަށް. ދެން އެކަން ކުރީ ރައްޔިތުންގެ ބަޖެޓުން. އަދި މިކަމުގެ ސަބަބުން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޖީބަށް ހަމަ ލުއި ވާނީ ވެސް،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު ކައުންސިލުން އެކަން ކުރަމުންދާ އިރު ކައުންސިލަށް އެކަމުގައި ފައިދާ ހޯދުމުގެ ނިޔަތުގައި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ.
"އަޅުގަނޑުމެން ފީއެއް ނެގިއަސް ނަގަނީ ޑީއެންއާރުން ހަމަ ނަގަމުންދާ ފީ އެއް. އިތުރަކަށް އަޅުގަނޑުމެން ފީއެއް ނުނަގާނެ. މިބުނާ ފީ އަކީ ޑީއެންއާރަށް އަޅުގަނޑުމެން ދޭންޖެހޭ އެއްޗެއް.
އާދަމް ވިދާޅުވީ އައިޑީކާޑު ހިދުމަތް ދޭނީ ކައުންސިލު އިދާރާއިން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެ 10:00 އިން 12:00 އަށް ކަމަށެވެ.