03 Jun 2015, 10:59
އެހެން އެއްވެސް ދާއިރާއަކުން ރާއްޖޭގައި ވަޒީފާ ނުއުފެދޭ ވަރަށް، ޓޫރިޒަމް ދާއިރާ އިން ރާއްޖޭގައި ވަޒީފާ އުފެދި އިތުރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ބައްދަލުވުން ފެށުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޓޫރިޒަމް ދާއިރާއަކީ ރާއްޖޭގައި ކޮންމެހެން ކުރިއަރުވަން ޖެހޭ ދާއިރާއެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި އެހެން ދާއިރާތަކަށް ވެސް ކުރިއެރުން އަންނަ ކަމަށެވެ.
"އެހެން އެއްވެސް ސެކްޓާއަކުން ނުވާވަރަށް ޓޫރިޒަމް ދާއިރާގެ ސަބަބުން ރާއްޖޭގައި އަންނަނީ ވަޒީފާގެ ފުރުސަތުތައް އިތުރުވަމުން. އަދި އޭގެ ސަބަބުން ރާއްޖޭގައި އެހެން ދާއިރާތަކަށް ވެސް އަންނަނީ ކުރިއެރުންތައް ލިބެމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރައި ވަޒީފާތައް އިތުރުވަމުން އަންނަ އިރު، އޭގެ ސަބަބުން ދެން ޖެހިގެން އޮތް އެންމެ ބޮޑު ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން އަދި ދަތުރުފަތުރާއި އެންޓާޓެއިންމަންޓް ފަދަ ސެކްޓާތައް ކުރިއަރަމުން އަންނަ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ހިސާބެއްގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އާއިލާއާ އެކުގައި ތިބެ ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ވަނީ ލ. އަތޮޅުގައި ބިޔަ ގެސްޓްހައުސް ޕްރޮޖެކްޓެއް ފައްޓަވައިގެން ކުރިއަށް ގެންދަވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދު ލޯންޗްކުރި "ވިޒިޓް މޯލްޑިވްސް އިއާ 2016 ކެމްޕޭން"ގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިކަން ރެކޯޑް މިންވަރަކަށް ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ކެމްޕޭންގެ ދަށުން ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރިއަށްގެންދަވާކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.