03 Jun 2015, 11:10
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިމެއް ދޫކުރި މައްސަލައަކާ ގުޅިގެން ލ. ފޮނަދޫ ކައުންސިލް މެމްބަރެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.
އޭސީސީ އިން ބުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން މައްސަލައާ ގުޅިގެން ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ އެ ރަށު ކައުންސިލްގެ މެމްބަރެއް ކަމަށްވާ އަހުމަދު ނަދީމްގެ މައްޗަށެވެ.
އެ މައްސަލާގައި އޭސީސީ އިން ކުރި ތަހުގީގަށް ފަހު ބުނެފައި ވަނީ، ފޮނަދޫ ކައުންސިލްގެ ފަރާތުން ވިޔަފާރި އުސޫލުން އެ ރަށުގެ ބިންތައް ކުއްޔަށް ދޫކުރުމަށް 2012 ވަނަ އަހަރު އިއުލާންކޮށްފައިވާކަން އެނގެން ނެތް ނަމަވެސް އެރަށުގެ އަމިއްލަ ފަރާތަކުން ބަކަރި، އަސްދޫނި އަދި ކުކުޅު ގެންގުޅުމުގެ ހުއްދައަކަށް އެދި އެ ކައުންސިލަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސިޓީ ހުށަހެޅި ފަރާތަށް ބަކަރި، އަސްދޫނި އަދި ކުކުޅު ގެންގުޅުމަށް 15 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައިވާކަން ބަޔާންކޮށް ކައުންސިލް މެމްބަރު އަހުމަދު ނަދީމު ސޮއިކުރައްވައި ހުއްދައަށް އެދުނު ފަރާތަށް ޖަވާބު ދީފައިވާ ކަމަށެވެ.
އޭސީސީ އިން އަދި ބުނީ އެފަދަ ގޮތަށް ބިމެއް ދޫކުރުމަށް ފޮނަދޫ ކައުންސިލުން ނިންމާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ކައުންސިލް އިދާރާ އިން ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ކައުންސިލުން ނިންމާފައިވާނުވާނެ ކަމަށް އެ ކައުންސިލްގެ މެމްބަރުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.
އޭސީސީ އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 114 ވަނަ މާއްދާގައިވާ ގޮތުން ވެސް ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެބިން ދޫކުރިކަން ފޮނަދޫ ކައުންސިލްގެ ބިމާބެހޭ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެނގިފައިނުވާތީ އާއި އެބިން ދޫކޮށްފައިވާކަން އެނގުނު ހިސާބުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެބިން ކުށްޔައް ދޫކުރި ކަމަށް ބުނެ، އަހުމަދު ނަދީމް ފޮނުވި ސިޓީއަކީ ބާތިލް ސިޓީއެއް ކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ.
އެކޮމިޝަނުން ބުނީ އެބިން ކުށްޔައްދޫކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަން ތަހުގީގަށް ފާހަގަކުރެވިފައިވާތީ ނަދީމްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނުނުގެ ދަށުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ ކަމަށެވެ.