ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ދިއުން ހުއްޓުވުމަށް ފިޔަވަޅު ނާޅާ ނަމަ މިހާރަށް ވުރެ ބޮޑެތި ކާރިސާތައް ކުރިމަތިވެދާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖަރުމަނުވިލާތުގެ ބޮންގައި އިއްޔެ ފެށުމާއި ގުޅިގެން ކުދި ޖަރީޒާތަކުގެ އިއްތިހާދުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިއްޔަތުން ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކާރިސާތައް ކުރިމަތިވި ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތައް ކުރިމަތިވާކަމުގެ ހެއްކެއްގެ ގޮތުގައި މިއަހަރުގެ ވެސް ވަނީ މޫސުމީ ކާރިސާތަކަކާއި ކުދި ޖަޒީރާ ގައުމުތަކަކަށް ކުރިމަތިލާން ޖެހިފަ އެވެ. ރެކޯޑް މިންވަރަކަށް ނުރައްކާތެރިކަން އުފެދިގެން ދިޔަ ދެ ތޫފާނުކަމުގައިވާ ސައިކްލޯން ޕޭމްއާއި ސައިކްލޯމް މޭސަކްގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ޕެސިފިކް ސަރަހައްދުގެ ބައެއް ޖަޒީރާގައުމުތައް ކަމުގައިވާ ވަނުއާތޫ، ސްލޮމޮން އައިލެންޑްސް ، ތުވާލޫ ކިރިބާސް އަދި ފެޑެރޭޓަޑް ސްޓޭޓް އޮފް މައިކްރޮނޭޝިއާ އަށް ވަނީ ކުރިމަތިވެފަ އެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން 1500 އަށް ވުރެ ގިނަމީހުން އިންޑިއާގައި ވަނީ މަރުވެފަ އެވެ. މިފަދަ ކާރިސާތައް ގިނަވެ، ލިބޭ ގެއްލުންތައް އަންނަނީ ބޮޑުވަމުންނެވެ. މިއީ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަކަށް ވީހިނދު މިކަމާ ދެކޮޅަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މިއަށްވުރެ ހިތާމަވެރި ކާރިސާތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

މޫސުމަށް އަންނަ ބަދަކުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިއަހަރު އެކުލަވާލާ އެއްބަސްވުމަކީ ދިގުމުއްދަތަކަށް ދެމިގެންދާ އެއްބަސްވުމަކަށް ވާންޖެހޭ ކަމަށް ވެސް ތޯރިގު ވިދާޅުވެފައިވެ އެވެ. އަދި އެ އެއްބަސްވުމަކީ ބައިވެރިންގެ މެދުގައި ހަމަހަމަކަމާ އެކު ޒިންމާ ނަގަން ޖެހޭ ފަދަ ގާނޫނީ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މޫސުމަށް އަންނަ ބަދުތަކާ ބެހޭ އާ މުއާދާ އެކުލަވައިލުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބާއްވާ ބައްދަލުވުމުގަ އެވެ.