ސައޫދީ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކަށް 99 ފަރާތުން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީނު އަހުމަދު "ސަން" އަށް ވިދާޅުވީ ސައުދީ ސަރުކާރުން ދިން މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތެއް ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގައި މައްސަލަތަކެއް ދިމާވި ކަމަށެވެ. އެހެންކަމުން އެފަރާތަށް ކުރިމަތިލެވޭ ގޮތް މެދުވެރި ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން {އެޑިއުކޭޝަން މިނިސްޓުރީ} ވާނީ މި ދަންނަވާ 99 ދަރިވަރެއްގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ސައުދީ އަރަބިއްޔާ އަށް ފޮނުވާފައި. ސައޫދީ އަރަބިއްޔާ އިން ހަބަރެއް ވަންދެން އަޅުގަނޑުމެން މަޑު މިކުރަނީ. ސައޫދީން ހަބަރެއް ވީހާ އަވަހަކަށް ރައްޔިތުންނަށް އެކަން ހިއްސާ ކުރާނަން،" އަޒްލީނު ވިދާޅުވި އެވެ.

ސައޫދީ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން މަތީ ތައުލީމަށް ދާން ބޭނުންވާ ފަރާތްތަކަށް ސައުދީ ސަރުކާރުން ވަނީ 100 ފުރުސަތު ދީފައި އެވެ.

މިދިޔަ އޭޕުރީލު މަހުގެ 20 ވަނަ ދުވަހު ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބެޗްލާސް ޑިގްރީގެ 55 ފުރުސަތާއި މާސްޓާސް ޑިގްރީގެ 30 ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. އަދި ޕީއެޗްޑީގެ 15 ފުރުސަތެއް ހުޅުވާލައިފަވާ ކަމަށްވެސް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ.

ބެޗްލާސް ޑިގްރީ ނަގަން ބޭނުންވާ ފަރާތްތަކަކީ ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށާއި އަދި ޖީސީއީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށް ވެސް ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ސައުދީ ސަރުކާރުން މީގެކުރިން ރާއްޖެއަށް ދެމުން އަންނަނީ މަތީ ތައުލީމުގެ 50 ފުރުސަތެވެ. އެހެންނަމަވެސް މިދިޔަ މަހު، ރައީސް ޔާމީން ސައުދީއަށް ވަޑައިގެން މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ސައުދީ ސަރުކާރާ މަޝްވަރާ ކުރުމުން އެ އަދަދު ވަނީ 150އަށް އިތުރުކޮށްދެއްވާފައެވެ.