ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭ އޮޑިޓް ރިޕޯޓުގެ ވާހަކަ ތަކުރާރުކޮށް ނޫސްތަކުގައި ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުޔޯކް ޓައިމްސްގައި ލިޔުނު އާޓިކަލަކާ ގުޅޭ ގޮތުން މިއަދު ނޫހުގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން އެ ނޫހުގެ އެޑިޓަރު އަބްދުއްލަތީފް އިބްރާހިމާ ދެކޮޅަށް މައުމޫން ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް )ވައްޑެ( ވިދާޅުވީ، އޮޑިޓް ރިޕޯޓް ނެރެންޖެހޭނީ އޮޑިޓާ ޖެނެރަލް ކަމަށެވެ. "ތިން އިރު ކާ ބޭހެއް ހެން" ނޫސްތަކުގައި އޮޑިޓް ރިޕޯޓުގެ ވާހަކަ ނުލިޔެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ތީމުގޭ އޮޑިޓް ރިޕޯޓުގައި ދައްކާފައި ވަނީ ހުސް ދޮގު ވާހަކަ ކަމަށާއި އެ ވާހަކަތައް ތަކުރާރު ކުރުމުގެ މާނައަކީ މައުމޫންގެ އަބުރާއި އިއްޒަތް ނަގާލުން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އެންމެ ލާރިއެއްގެ މިންވަރަށް ވެސް މައުމޫން ހިޔާނާތްވެފައި ނޯންނާނެ ކަމަށެވެ. މިހާތަނަށް ވެސް މައުމޫންގެ މައްޗަށް ދައުވާއެއް ނުކޮށް ކުށެއް ސާބިތުނުވެ އޮތުމަކީ އެ މަނިކުފާނު ހިޔާނާތެއްވެފައި ނެތް ކަމުގެ ހެއްކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގެ ވާހަކަތައް ތަކުރާރުކޮށް ނުދެއްކޭނެ ކަމަށް މައުމޫންގެ ފަރާތުން ވިދާޅުވުމުން އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އެއީ ކޮން ހަމައަކުން ކޮން ގޮތަކަށް ދެއްކި ވާހަކައެއްތޯ ދެން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށެވެ.

މައުމޫންގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ލަތީފް ވިދާޅުވީ މައުމޫންގެ ވަކީލު ދައްކަވާފައި ވަނީ ބުއްދި ގަބޫލުނުކުރެވޭ ވާހަކަތަކެއް ކަމަށާއި އެއީ ރައްދު ދޭންޖެހޭ ވަރަށްވުރެ ވެސް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ނޫހުގައި ނިއުޔޯކް ޓައިމްސްގެ އާޓިކަލްގެ ވާހަކަ ލިޔުނީ އެއީ ގައުމު ކަންބޮޑުވާ މައްސަލައަކަށްވާތީ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހަށް އޭނާ ބަޔާނެއް ހުށަހަޅުއްވަމުން ވިދާޅުވީ މައުމޫން ހިޔާނާތްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި މައުމޫނާއި އާއިލާއަށް ހަރަދު ކުރައްވާފައިވާ ކަމަށާއި ޖަރުމަނުން އަގު ބޮޑު ލަގްޒަރީ ޔޮޓެއް ބައްލަވައިގެންނެވިކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ލިޔެފައިވާ ކަމަށެވެ. ނިކަމެތިންނަށް ބޭސް ކުރުމަށް އޮންނަ ބަޖެޓުން މައުމޫންގެ ގާތް ބޭފުޅުންނަށް ހަރަދުކޮށްފައިވާ ކަމަށާއި 55 ކާރާއެކު އަގުބޮޑެތި ހެދުންކޮޅު ތުރުކުރައްވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.