ވޮޝިންޓަން (ޖޫން 3) : ކޮރަޕްޝަނާއި ފަސާދައިގެ މައްސަލާގައި އެމެރިކާގެ ފެޑްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން ފީފާގެ ރައީސް ސެޕް ބްލެޓަރ ގެ މައްޗަށް ތަހްގީގްތަކެއް ހިންގަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގެ މީޑިޔާއިން ބުނީ އެފް.ބީ.އައި އިން ސެޕް ބްލެޓަރ ގެ މައްޗަށް ތަހްގީގްތަކެއް ހިންގަމުންގެންދާތާ ހަފްތާއެއް ވެފައިވާކަމުގަ އެވެ. މި ޚަބަރުތައް ފެތުރިފައިވާއިރު ބްލެޓަރ ވަނީ ފީފާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިޢްލާން ކުރައްވާފަ އެވެ. އިސްތިއުފާ ދެއްވަން ނިންމެވިޔަސް ފީފާއަށް އައު ރައީސަކު އިންތިޚާބު ކުރެވެންދެން މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ބްލެޓަރ ވިދާޅުވެފައިވެ އެވެ.

ބްލެޓަރ ވަނީ ފީފާއަށް އާރައީސަކު އިންތިޚާބުކުރުމަށްޓަކައި އެ ޖަމްއިއްޔާގެ ކޮންގްރެސްއެއް ބޭވުމަށް ވެސް ގޮވައިލައްވާފަ އެވެ. ބްލެޓަރ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ފަސްވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް އޭނާ އިންތިޚާބުވެވަޑައިގެންނެވިތާ ހަތަރު ދުވަސް ފަހުންނެވެ.

އެމެރިކާގެ އެފް.ބީ.އައި އިން ބްލެޓަރގެ މައްޗަށް ފަސާދައިގެ ތަހްގީގްތައް ހިންގަމުން ގެންދާއިރު ސްވިޓްޒަލޭންޑުން ވަނީ ބްލެޓަރ އާ އެންމެ ގާތުން މަސައްކަތްކުރައްވާ ފީފާގެ އިސް އެތަށް މަސްއޫލުވެރިއަކު ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށްފަ އެވެ. ފީފާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢްލާން ކުރައްވަމުން ބްލެޓަރ ވިދާޅުވީ އޭނާ ފީފާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް ގިނަ ބަޔަކު އޭނާއާ އިދިކޮޅު ކަމަށާ އެހެންކަމުން މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާކަމުގަ އެވެ.

ދިގު މުއްދަތަކަށް ފީފާގެ ރައީސްކަން ކުރައްވާފައިވަ ސެޕް ބްލެޓަރ އެންމެ ފުރަތަމަ އެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ 1998 ގައެވެ. ބްލެޓަރ އަކީ ސްވިސްޓްޒަލޭންޑްގެ ބޭފުޅެކެވެ. (ރޮއިޓާސް)