03 Jun 2015, 09:45
ވޮޝިންޓަން (ޖޫން 3) : އެމެރިކާގެ އިސް ޑިޕްލޮމޭޓުން ޔަމަންގެ ހޫޘީ ޖަމާއަތުގެ ލީޑަރުންނާ އުމާންގެ ވެރިރަށް މަސްގަތްގައި ބައްދަލުކުރެއްވިކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން އެކަން ކަށަވަރުކޮށްދީފި އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ މޭރީ ހާފް ވިދާޅުވީ އެމެރިކާގެ އިސް ޑިޕްލޮމޭޓުން ހޫޘީންނާ ބައްދަލުކުރެއްވި ކަމަށާ މި ބައްދަލުވުމުގައި ހޫޘީންނާ ވާހަކަ ދެއްކީ އެ ޖަމާއަތުން ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުންތަކެއް މިނިވަންކުރުމާބެހޭގޮތުން ކަމުގަ އެވެ. މި ބައްދަލުކުރެއްވުން ކުރިޔަށްދިޔައީ މިދިޔަ ހަފްތާގައި އުމާންގެ ވެރިރަށް މަސްގަތުގައި އެއް ދުވަހުގެ މުއްދަތަށް ކަމަށް ވެސް މޭރީ ވިދާޅުވި އެވެ. ނަމަވެސް މޭރީ ވިދާޅުވީ ޔަމަންގެ ސިޔާސީ ކަންކަމާބެހޭގޮތުން ވެސް މި ބައްދަލުވުމުގައި އެމެރިކާގެ ޑިޕްލޮމޭޓުން ހޫޘީ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމުގަ އެވެ.
"ޔަމަންގެ މައްސަލަ ޙައްލުކުރެވޭނީ ސިޔާސީ ގޮތުން ކަމަށް އެމެރިކާ ގަބޫލުކުރާތީ އދ. ން ކުރިޔަށްގެންދާ ޔަމަންގެ ސިޔާސީ ވާހަކަތަކުގައި ބައިވެރިވުމަށް މިބައްދަލުވުމުގައި އެމެރިކާގެ ޑިޕްލޮމޭޓުން ހޫޘީ ލީޑަރުންނަށް ބާރު އެޅުއްވި" މޭރީ ހާފް ވިދާޅުވިއެވެ.
"ހޫޘީންނާއެކު އެމެރިކާ ސަރުކާރުން ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ އެހީތެރިޔާ އޭން ޕެޓްރިސަން" މޭރީ ވިދާޅުވިއެވެ.
އެ ބައްދަލުވުމަށްފަހު ޕެޓްރިސަން ސައޫދީ އަރަބިޔާއަށާއި އުރުދުންއަށް ވަޑައިގެންނެވިއެވެ. އެ ދެ ގައުމަށް ޕެޓްރިސަން ވަޑައިގެންނެވީ ޔަމަނަށް ސައޫދީ އިސްކޮށްއޮވެގެން ދެމުން ގެންދާ ޙަމަލާތައް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުންކަމަށް މޭރީ ހެފް ވިދާޅުވި އެވެ. އަދި ޕެޓްރިސަން ސައޫދީ އަށް ކުރެއްވި ދަތުރުފުޅުގައި ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީއާއި ޔަމަންގެ އެހެން މަސްއޫލުވެރިންނާ ވެސް ބައްދަލުކުރައްވައި ޙަމަލާތައް ހުއްޓާލައި ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އެބޭފުޅުންނަށް ބާރުއެޅުއްވި ކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިދާޅުވިއެވެ.
އެމެރިކާގެ އިސް ޑިޕްލޮމޭޓުން ޙޫޘީ ލީޑަރުންނާ ބޭއްވި ބައްދަލުވުމަށްފަހު ހޫޘީންވަނީ އެ ޖަމާއަތުން ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ ކޭސީ ކޮންޕަޒް މިނިވަން ކޮށްދީފަ އެވެ. އޭނާ މިހާރު ހުރީ އުމާންގެ ވެރިރަށް މަސްގަތް ގައެވެ. ނަމަވެސް ހޫޘީންގެ އަތްދަށުގައި އެމެރިކާގެ ދެ މީހަކު އަދިވެސް ހައްޔަރުކޮށްފައި އެބަތިބި ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.
އެމެރިކާއިން ހޫޘީ ލީޑަރުންނާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން ގެންދާކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވެ ވަޑައިގެން ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ތަރްޖަމާން ރާޖިޙް ބާދީ ވަނީ ދާދިފަހުން ބަޔާނެއް ދެއްވާފައެވެ. ހޫޘީ ލީޑަރުންނާ އެމެރިކާގެ މަސްއޫލުވެރިން ދައްކަވަނީ ކޮންވާހަކަތަކެއްކަން ނޭނގޭ ކަމަށާއި ހޫޘީ ލީޑަރުންނާ އެމެރިކާ ދައްކަންޖެހޭނީ އދ. ގެ ގަރާރުތަކަށް އެޖަމާއަތުން ބޯލެނބުމުގެ ވާހަކަތައްކަމަށް ޔަމަންގެ ސަރުކާރުން ދެކޭކަމަށްވެސް ޔަމަން ގެ ރައީސް ގެ ތަރްޖަމާން ވިދާޅުވެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އިސް ޑިޕްލޮމޭޓުން ހޫޘީ ލީޑަރުންނާ ބައްދަލު ކުރައްވައި އެޖަމާއަތާއެކު ސިޔާސީ މަޝްވަރާތައް ކުރެއްވި މައްސަލާގައި ޔަމަންގެ ރައީސް ހާދީގެ އިތުރުން ސައޫދީ މަސްއޫލުވެރިންވެސް ވަނީ ހިތްހަމަނުޖެހިފައެވެ. މިކަމާބެހޭގޮތުން ސައޫދީ މަސްއޫލުވެރިން އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.
ޔަމަންގެ ހޫޘީންނާމެދު ސައޫދީ އަރަބިޔާ ދެކޭގޮތާއި އެމެރިކާ ދެކޭގޮތް ވަރަށް ތަފާތެވެ. ހޫޘީންގެ އަތުން ހަތިޔާރު ނިގުޅައިގަތުމަށްފަހު ހާދީގެ ސަރުކާރާ ޔަމަންގެ ވެރިކަން އަލުން ޙަވާލުކުރަން ސައޫދީން ބޭނުންވާއިރު އެމެރިކާ ބޭނުންވަނީ ހާދީއަށް ތާއީދުކުރާ ފަރާތްތަކާއި ހޫޘީންނާ އެހެންވެސް ސިޔާސީ ފަރާތްތައް ޝާމިލްވާގޮތަށް ޔަމަންގައި އިންތިގާލީ ވަގުތީ ސަރުކާރެއް އުފެއްދުމަށެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ދެމަސް ދުވަހަށްވުރެ ދިގުދެމިގެން ގޮސްފައިވާއިރު ސައޫދީން އިޢްލާންކުރި އަސްކަރީ އެއްވެސް ލަނޑުދަނޑިއެއް މިޙަމަލާތަކުން އަދި ޙާސިލް ކުރެވިފައެއް ނުވެއެވެ. (ރޮއިޓާސް)