ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމަށް ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އެބަ ތިބި ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ހުސައިން ވަހީދު "ސަން"އަށް ވިދާޅުވީ އަފްރާޝީމް މަރާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން މަސައްކަތް ފެށީ އެމަނިކުފާނު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދުމަށް ކަމަށެވެ. އަދި އެއަށް ފަހު އެކަމަށް ހަރަދު ކުރި މީހުންނާއި އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ފުލުހުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އަފްރާޝީމް މަރާލަން ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ތިއްބަސް އެ މީހުންގެ މައްސަލަ ޝަރީއަތަށް ނުފޮނުވެނީ ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބިގެން ކަމަށެވެ.

"އޭރު ވެސް އެންމެ އުނދަގޫވެގެން ދިޔައީ ފައިނޭންސް ކުރި މީހުންގެ މައްޗަށް ސާބިތު ކުރެވޭ މިންވަރަަށް ހެކި ނެތް[ މައްސަލަ]. އޭރުގެ ކޮމިޝަނާ އަބްދުﷲ ރިޔާޒަށް ވެސް މިކަން އެނގިވަޑައިގަންނަވާނެ. އޭރު ވެސް އައީ އެކިއެކި ދިމަދިމާލުން ދައްކަމުން ދިޔަ ވާހަކަތައް. ހުމާމް ބުނަމުންދިޔަ ވާހަކަތައް. ހުމާމް ބުނަމުން ދިޔަ ބައެއް ވާހަކަތަކުގައި ހިމެނިދިޔަ ބައެއް މީހުންގެ ވާހަކަ،" ފުލުހުންގެ ހިދުމަތުގައި 24 އަހަރު ހޭދަ ކުރައްވައި އެފްބީއައި އިން ތަމްރީނު ހޯއްދަވައި، ގްރެޖުއޭޓްވެފައިވާ ހުސައިން ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު: ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެއްވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 1، 2012 ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް އަފްރާޝީމް މަރާލި ކަމުގެ ކުށް ސާބިތުވެ، ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. ހުމާމް ކުށަށް އިއުތިރާފުވި އިރު ދިން ބަޔާނުގައި ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ވާހަކަ އެންމެ ފުރަތަމަ އޭނާގެ ގާތުގައި ބުނީ އޭރު ސިފައިންގެ ހިދުމަތުގައި އުޅުނު ހ. ހިލްޓަން، އަޒްލީފު ރައޫފު ކަމަށެވެ. އަފްރާޝީމް މަރާލުމުގެ ވާހަކަ އެންމެ ފުރަތަމަ އޭނާ ގާތަކު ސީދާ ނުބުނާ ކަމަށާއި އޭގެ ބަދަލުގައި އޭނާ ގާތު ބުނެފައި ވަނީ "ކަންތައްތަކެއް އެބަހުރި" ކަމަށާއި އެކަން "ވަރަށް ސަޅިވާނެ" ކަމަށެވެ. އަދި އެކަން ހުމާމްކޮށްފި ނަމަ ހުމާމަށް ރައްދުގައި ފައިދާވާނެ ކަމަށް އަޒްލީފް ބުނި ކަމަށާއި އެކަމަކު "ނުބޭނި" ހުރުމަށް އަޒްލީފް އެދުނު ކަމަށް ހުމާމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހަމަލާ ރޭވުމުގައި "ސުޕައި" ކިޔާ މީހަކާއި އަޒްލީފުގެ ފަރާތުން ބައްދަލުވި ކަމަށާއި އޭނާއާ ދިމާވީ 2012 ވަނަ އަހަރުގެ ރޯދަ މަހު ތެރޭގައި ބައިބަލާ މުބާރާތް އޮތް ދުވަސްވަރު އެވެ. ހުމާމް ބުނާ "ސުޕައި"އަކީ ލ. ގަންތުނޑި، ނޫއަލި، އާދަމް ސަލާހު، 33، އެވެ.

ހުމާމް ތަހުގީގުގައި ބުނެފައި ވަނީ އަފްރާޝީމް މަރާލައިފިނަމަ ފައިސާ ދޭނެ ކަމަށް ބުނީ ރީކޯ މޫސަގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު ކަމަށެވެ. އަދި ޖާވިދާއި އޭނާގެ ބޭބެ މ. ޖަރީމާގެ ޝާހީން މުހައްމަދު ބައްދަލުވީ އަފްރާޝީމަށް ހަމަލާ ދޭން އަޒްލިފާއި "ސުޕައި" ހުމާމް ގާތު ބުނެ އެކަން ރޭވުމުގެ ތެރޭގައި ކަމަށް ވެސް ހުމާމް ބުނެފައިވެ އެވެ.

ހުމާމް ތަހުގީގުގައި ކިޔައިދީފައިވާ ގޮތުން އެކަމަށް ފަންޑު ކުރި ކަމަށް ބުނާ މީހުންގެ މައްޗަށް އަދި ޝަރީއަތެއް ނުހިންގަ އެވެ. ރައީސް ވަހީދުގެ ސަރުކާރުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް އޭރު ބުންޏެވެ.

އަފްރާޝީމް މަރާލުމުގައި ހުމާމާ އެކު އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލޭވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދަށުން ކޯޓުން ކުށް ސާބިތު ނުވިޔަސް، މަތީ މަރުހަލާގެ ކޯޓުތަކުން އެ މައްސަލާގައި އިތުރަށް ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ސީޕީ ހުސައިން ވިދާޅުވީ އަފްރާޝީމް މަރާލުމަށް ފަންޑު ކުރި މީހުންގެ މައްޗަށް "ލީޑެއް ލިބޭ ހިސާބުން" މައްސަލައާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަފްރާޝީމް މަރާލި ހާދިސާ "އެންމެ ބޮޑަށް އެނގޭނީ" ރައީސް އަބްދުﷲ ޔާމީނަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށް ވިދާޅުވެ ހުމާމް ހައި ކޯޓުގައ ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސީޕީ ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. ސީޕީ ވިދާޅުވީ އެ ވާހަކަތައް އެ ދައްކަނީ ނުފޫޒެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑަށް އިނގޭ އެއްކަމަކީ އެ ވާހަކަތަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން. މީގެ ކުރިން ތަހުގީގުތަކުގައި ކަން ހިނގި ގޮތާއި ކަން ކުރި ގޮތާއި މި ހުރިހާ ކަމެއްގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ހުރި މީހަކު މިއަދު އައިއްސަ ކުއްލިއަކަށް އާ ނަންތަކެއް އޭގެ ތެރެއިން އުފަން ކުރުމަކީ ކޮންމެ ވެސް ދިމާލެއްގެ ނުފޫޒެއް އޭގެ ތެރެއިން ވަދެގެންދާނެ ކަމެއްހެން،" ސްކޮޓިޝް ޕޮލިސް ކޮލެޖުން ޕޮލިސް ލީޑަޝިޕުގެ ދާއިރާ އިން ވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހުސައިން ވިދާޅުވި އެވެ.