ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް އިދިކޮޅު އެމްޑީޕީން ރާވައި އިންތިޒާމްކޮށްގެން މި މަހުގެ 12 ވަނަ ދުވަހު މާލޭގައި ބާއްވާ މުޒާހަރާ އަށް ފުލުހުންގެ ތެރެއިން އެއްބާރުލުން ދޭނެ ބަޔަކު ބަލައި ފުލުހުންގެ މުއައްސަސާ އަށް ނުފޫޒު ފޯރުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ހުސައިން ވަހީދު އިއްޔެ ވިދާޅުވީ މެއި އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހިނގައި ދިޔަ "އަނިޔާވެރި" އަމަލުތައް މި މަހުގެ 12 ވަނަ ދުވަހު ބާއްވާ މުޒާހަރާގައި ތަކުރާރުވިޔަ ނުދެއްވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ބާއްވަން އުޅޭ މުޒާހަރާއަށް ފުލުހުންގެ ސަފުތަކެއް ތައްޔާރުވެފައިވާ ކަމަށާއި އެ ދުވަހު ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާނުލެވޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ނަމަވެސް ފުލުހުންގެ ވިސްނުމާ ކުޅެ، ފުލުހުންގެ މުއައްސަސާއަށް ވަކި ފިކުރެއް ވައްދައިގެން މުޒާހަރާއަށް އެއްބާރުލުން ދީ، އެ މީހުންނާ ގުޅޭނެ ބަޔަކު ވޭތޯ ބަލައި، ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ސީޕީ ތުހުމަތު ކުރެއްވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

"މިއަދު ވެސް އަޅުގަނޑުމެންނަށް ލިބެމުންދާ މައުލޫމާތުތަކަކީ މެއި 12 ވަނަ ދުވަހު ބާއްވާ އެއްވުމަށް ފުލުހުންގެ ތެރެއިން އެއްބާރުލުން ދޭނީ ކޮންބައެއްތޯ ބަލައި، މުއައްސަސާއަށް ނުފޫޒެއް ފަތުރައި، އެ މީހުންގެ [ފުލުހުންގެ] ވިސްނުންތައް ޕެނިޓްރޭޓް ކުރެވޭނެތޯ މަސައްކަތް ކުރަމުން އެބަ ދޭ،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު "ސަން"އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސައިން ވަހީދު ވިދާޅުވީ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ފުލުހުން ވަންނަން ބޭނުންނުވާ ކަމަށާއި އެފަދަ ކަންތައްތަކުގެ ތެރެއަށް ފުލުހުން ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ މުއައްސާއަށް "ތަފާތު ފިކުރެއް" ވައްދަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެފަދަ ފިކުރެއް ވައްދައި ފުލުހުންގެ ވިސްނުމާ ކުޅެލަން "ޕްލެޓްފޯމެއް" އުފެއްދުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މުޒާހަރާއެއް ބާއްވާނަމަ ނޯޓިސްއަކުން ފުލުހުންނަށް އެކަން އަންގަންޖެހޭނެ ކަމަށާއި ޖޫން 12 ވަނަ ދުވަހު ބާއްވާ މުޒާހަރާއަށް ނޯޓިސް އިދިކޮޅު ފަރާތްތަކުން ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ، ނުކުންނަ ބަޔަކު ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރަން އުޅޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު "ސަން"އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޕީ ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އަތޮޅު ތެރޭގައި ތިބި ބައެއް ފުލުހުން ތަމްރީނު ކުރަމުންދާ ކަމަށާއި އެ ފުލުހުން ދެން ނުކުންނާނި "މޭޑޭ"ގައި މާލޭގެ އަމަން ބަލަހައްޓަން ނުކުތް ފުލުހުންނާއެކު ކަމަށެވެ.

"މެއި 1 ވަނަ ދުވަހު ފުލުހުން ތައްޔާރުވެފައި އޮތުމުގެ ތެރެއަށް މިއަދު އިތުރު ބައެއް [އަތޮޅު ތެރޭގައި ތިބި ފުލުހުން] އަޅުގަނޑުމެއް އެއްކުރާނަން. މެއި އެއް ވަނަ ދުވަހު ވަރަށް ބޮޑެތި އަނިޔާތަކެއް، ވަރަށް ގިނަ ގެއްލުންތަކެއް ރައްޔިތުންނަށާއި ފުލުހުންނަށް ވެގެންދިޔަ. އިރާދަކުރެއްވިއްޔާ މެއި އެއް ވަނަ ދުވަހު ވީ އަނިޔާއެއް އަޅުގަނޑުމެން ތަކުރާރުވިޔަ ނުދޭނަން. ޖޫން 12 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ވެސް އަދި ކުރިއަށް އޮތް އެއްވެސް މުޒާހަރާއެއްގައި އަނިޔާއެއް ދެން ނުދެވޭނެ،" ހުސައިން ވަހީދު ވިދާޅުވި އެވެ.

މެއި އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ލިބުނު ނަމަވެސް ފުލުހުނަށް ލިބުނު ނަފްސާނީ ގެއްލުމުން އަރައިގަންނަން ވަގުތު ބޭނުންވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަށް "ސައިކޮލަޖިކަލް" ފަރުވާ އާއި ކައުންސިލިން ބޭނުންވާ ކަމަށެވެ.

ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް ކަމަށް ބުނެ މޭޑޭގައި ބޭއްވި މުޒާހަރާއަކީ އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާގައި ޒިންމާ އަދާލަތުން އުފުލާފައި ވަނިކޮށް، މުޒާހަރާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ބާއްވާ މުޒާހަރާ ރާވައި އިންތިޒާމްކުރަން ހަމަޖައްސާފައި ވަނީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވެފައި ވަނީ އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި އެއްވުމުގައި އަޑުއުފުލައި ހަރަކާތްތައް ކުރިއަށް ގެންދާނީ ގާނުނީ އިމުގެ ތެރޭގައި ކަމަށެވެ.