ގަޑިއިރެއްގެ ތެރޭގައި 49،000 އަށް ވުރެ ގިނަ ގަސް އިންދައިގެން، ގަޑިއިރެއްގެ ތެރޭގައި އެންމެ ގިނަ ގަސް އިންދިކަމުގެ ދުނިޔޭގެ ރިކޯޑް ބޫޓާން އިން މުގުރާލައިފި އެވެ.

މީގެ ތިން އަހަރު ކުރިން އެއް ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ގަސް އިންދި ކަމުގެ ރިކޯޑް އޮތީ އިންޑިއާ އަތުގަ އެވެ. ބޫޓާންގެ ހިލޭ ސާބަހަށް މަސައްކަތްކުރާ 100 މީހުންގެ ޓީމަކުން އިންޑިއާގެ ރިކޯޑް މުގުރާލީ އިންޑިއާ އިން އިންދި ގަހުގެ އަދަށްވުރެއް ގާތްގަނޑަކަށް 10،000 ގަސް އިތުރަށް އިންދައިގެންނެވެ.

ތިމާވެއްޓަށް ހާއްސަ އަހައްމިއްޔަތު ކަމެއްދޭ ބޫޓާންގެ ވެރިރަށް ތިންބޫގައި އެ ރިކޯޑް ހެދީ، ގަޑިއިރެއްގެ ތެރޭގައި 49672 ގަސް އިންދައިގެންނެވެ.

"މުޅި ގައުމު އޮތީ އުފަލުން. އަހަރެމެންގެ ރިކޯޑުން ދައްކުވައިދެނީ ބޫޓާންގެ ޒުވާން ޖީލު ބޭނުންވަނީ ސާފު އަދި ފެހި މާދަމައެއްކަން،" ގަސް އިންދުމުގެ ރިކޯޑް ރާވާ ހިންގި ކަރްމާ ޝެރިންގް ވިދާޅުވި އެވެ.

އެ ހަރަކާތް ބޭއްވުމުގެ އެއް ބޭނުމަކީ ޝެރިންގް ވިދާޅުވި ގޮތުގައި، އެގައުމުގެ ރަސްގެފާނު ޖިގްމީ ކެސާރް ނަމްޖްޔެލް ވޮންގްޗަކަކީ ތިމާވެއްޓަށް ލޯބިކުރައްވާ ބޭފުޅަކަށް ވެފައި އޭނާގެ 60 ވަނަ އުފަން ދުވަސް މިއަހަރުގެ ތެރޭގައި އަންނާތީ އޭނާއަށްދޭ ހަދިޔާއެއްގެ ގޮތުގައެވެ.

ބޫޓާންގައި ގާއިމްކުރި ގަސް އިންދުމުގެ ރިކޯޑުގައި ބައިވެރިވި ދަރުމަވެރިން ގަސް އިންދުމުގެ ހަރަކާތްތެރިވަނީ --- ފޮޓޯ/ ބީބީސީ

ބިމުގެ 75 ޕަސެންޓުގައި ޖަންގަލި އޮންނަ ބޫޓާންގައި ގަސް އިންދި ޓީމުން ބުނާގޮތުން، އެ ރިކޯޑް ގާއިމްކުރުމުގެ ކުރިން އެ މީހުން ހަފްތާއަކަށްވުރެއް ގިނަ ދުވަހު ތަމްރީން ހޯދިއެވެ. އަދި ގާތްގަނޑަކަށް ހަ އަހަރު ވަންދެން އެ ގަސްތައް ބެލެހެއްޓުމުގައި އެ ޓީމުން މަސައްކަތްކުރާނެ އެވެ.