މަންދު ކޮލެޖް ހިންގާ ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެން މިރޭ އެ އިމާރާތުގައި އެޑިއުކޭޝަން މިނިސްޓްރީން ތަޅުއަޅުވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާއެކު ފުލުހުން މަންދު ކޮލެޖްގެ އިމާރާތް ކައިރީގައި މިރޭ ހަރަކާތްތެރިވެފައިވާއިރު، މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ ކޯޓުއަމުރެއް ނެތި ފުލުހުންނަށް އެތަނަށް ނުވަދެވޭނެ ކަމަށެވެ.

ފުލުހުންނާ މުޚާތަބުކޮށް މަންދުކޮލެޖްގެ ޗެއާމަން އިބްރާ ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އިބުރާ ވިދާޅުވީ އެތަނަށް ވަނުމުގެ ހުއްދަ އޭނާ ދިނީ ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ކަމަށާއި ފުލުހުންނަށް އެ ހުއްދަދީފައިނުވާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާ އެކު ފުލުހުންގެ ބައެއް ބޭފުޅުން ވެސް އެތަނުގެ ގޯތިތެރެއަށް ވަދެފައި ވެއެވެ.

މަންދު ކޮލެޖުގެ މުވައްޒަފުން މިރޭ 1:00 އެހާކަންހާއިރު އެތަނަށް ވަންނަން އުޅުމުން ފުލުހުން ވަނީ އެތަނަށް ނުވަދެވޭނެ ކަމަށް ބުނެ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތަނުގައި އެމީހުންގެ އަމިއްލަ ތަކެތި ތިބި ކަމަށް ބުނެ ފުލުހުންގެ އެންގުމާ ޚިލާފަށް މަންދު ކޮލެޖުގެ މުވައްޒަފުން ވަނީ އެތަނުގެ ތެރެއިން ވަދެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެމްއީއެސްގެ ކުރީގެ މަސްއޫލުވެރީން ކަމުގައިވާ ގ.ސިނަމާލެ 3 (34-04) އަލީ މުސްތަފާ އާއި، މ. ސިނާ، އަހްމަދު ޒާހިރާއެކު އެ މިނިސްޓްރީން 2008 ޑިސެމްބަރު 28ގައި ވެފައިވާ އެއްބަސްވުމުގެ އަސާސަކީ، އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުންކަމަށެވެ. ނަމަވެސް އެފަދަ ސްކޫލެއް މިއަދާ ހަމައަށް ވެސް ހިންގާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.