03 Jun 2015, 11:28
އިސްލާމްދީނާއި ގައުމުގެ ސަގާފަތަށް ގެއްލު ން ދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިޔަސް އެފަދަ ދީނާ ހިލާފު ކަމެއް ކުރަން ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޑަހުވަދޫ މަގުތަކުގައި ތާާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް އިއްޔެ ވިދާޅުވީ ރާއްޖޭގައި އޮތް އިސްލާމް ދީނުގެ ކަންތައްތައް ހިމާޔަތް ކޮށް ރައްކާތެރި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަންތައް ހިމާޔަތް ކުރުމަށް ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމަކީ ގައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށް ސިފަ ކުރައްވައި ސިޔާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ރާއްޖޭގައި ކުރިން ވެރިކަން ކުރި ޕާޓީއަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސިޔާމް އިޝާރާތް ކުރެއްވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށެވެ.
"އަޅުގަނޑުމެން ގައުމުގެ އެންމެ ބޮޑު އެއް ރައުސުލްމާލަކީ ކޮބާތޯ؟ ގައުމުގެ މިނިވަން ކަމަކީ އެ ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލު. އަޅުގަނޑުމެންގެ މިނިވަންކަން ގެންދިޔުމަށްޓަކައި ދިވެހި ރާއްޖޭގައި މީގެ ކުރިން ތިން އަހަރު ވެރިކަން ކޮށްފައިވާ އެމްޑީޕީން ދަނީ މަސައްކަތް ކުރަމުން،" މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ގައުމުގެ މިނިވަންކަން ނައްތާލަން ބަޔަކު މަސައްކަތް ކުރާއިރު ގައުމު ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުމަށް ވެސް ބަޔަކު "މަދުން" ނަމަވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ދިވެހި ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރެއްވުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ގައުމަށް ކުރިއެރުން ނުލިބޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އެފަދަ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް ވިދާޅުވެ ސިޔާމް ވިދާޅުވީ އެމްޑީޕީއަށް ސަޕޯޓު ކުރާ ރައްޔިތުން ޕީޕީއެމް/އެމްޑީއޭ ސަރުކާރާ ގުޅިލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.