03 Jun 2015, 09:53
ބަންގި ގޮވަނީއެވެ. އަނެއްކޮޅުން ސްކޫލު ގަޑިޖެހެނީ އެވެ. ފުރުގާން މިސްކިތް ދޮރުމައްޗަށް ވާގޮތަށް ހަދާފައިވާ ކަފިހި ހުރަސް (ޒިބްރާ ކްރޮސް) ކުރިމަތީ ހުއްޓިލައިގެން ދުވަސްވީ ފިރިހެނަކާއި ސްކޫލް ކުއްޖަކު ގޮވައިގެން ބެލެނިވެރިޔަކު ހުއްޓެވެ. އެމީހުންގެ މަގުސަދަކީ އަވަހަށް މަގު ހުރަސްކުރުމެވެ. ދުއްވާ އެއްޗެހި ދުއްވާ މީހުން ބެލީ އެމީހުންގެ މަންޒިލަށް އަވަހަށް ދިއުމަށެވެ. ނަތީޖާއެއްގެ ގޮތުން ވިއްސަކަށް ފިޔަވަޅުން މަގުހުރަސް ކުރެވެން އޮތްތަނެއްގައި 20 މިނެޓަށް ވުރެ ގިނަ ވަގުތު މަގު ހުރަސް ނުކުރެވި މަޑު ކުރަންޖެހުނެވެ.
ކަފިހިހުރަހަކީ މަގުގައި ހިނގާބިނގާވެ އުޅޭ މީހުން މަގުހުރަސް ކުރަން ކުރަހާފައި ހުންނަ ނިޝާނެކެވެ. އެތަނުގައި މަގު ހުރަސްކުރަން މީހަކު ހުރެއްޖެ ނަމަ ދުއްވާ އެއްޗެހި އެމީހުންނަށް އެފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނުން ބުނެ އެވެ. އެގޮތުން މަގު ހުރަސްކުރަން ތިބި މީހުންނަށް ފުރުސަތު ނުދީ ދުއްވާފައި ދިއުމަކީ ގާނޫނީ ކުށެކެވެ. ބައެއްގެ ހައްގަކަށް އަރައިގަތުމެވެ. މިކަން މިހާރު މިވަނީ އިންތިހާއަށް އާންމުވެފައެވެ.
"ތިޔަވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ. މަގުތަކުގައި އެހާ ބާރު ބޮޑު. ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު ވެސް މަގު ހުރަސް ކުރެވޭނީ ވަރަށް ހާލުން. ޒިބްރާ ކުރޮސް މަތީ ހުންނައިރު ވެސް ހަމަ ބޫން ކަނޑާފައި އެމީހުން ދާނެ. ތަނެއް ދޮރެއް ބަލައެއް ނުލާނެ،" ސްކޫލު ދޮށަށް ދަރިފުޅު ގޮވައިގެން ދިއުމުގައި ދިމާވާ ދަތިތައް ހިއްސާ ކުރަމުން ރަހުމާ މުހައްމަދު ބުންޏެވެ.

ބިދޭސީއިންތަކެއް ކަފިހި ހުރަސްގައި ކުލަ ލައި އާ ކުރަނީ-- ފޮޓޯ ޓުވިޓާ
ރީނދޫ ކުލައިގެ ގޮޅިތަކެއް ކުރަހައި މަގު ހުރަސް ކުރަން ޖާގައެއް ހަދާފައި ހުއްޓަސް އޭގެ ހައްގުވެރިންނަށް އެފުރުސަތު މަދުފަހަރެއްގައި ނޫނީ ނުލިބި އެވެ. މަގު ހުރަސްކުރަން މީހަކު ހުރިތަން ފެނިގެން އެމީހަކަށް ފުރުސަތު ދިނުމަށް މަޑުކޮށްލަނީ މަދު ޑްރައިވަރެކެވެ. އޭގެ ބަދަލުގައި ގިނަ މީހުންގެ އާދައަކީ "ބޫން ބޫން" އަޅާފައި އެމީހުން ދާން ބޭނުންވާ މަންޒިލަށް ދިއުމެވެ. ޓްރެފިކް ނިޝާންތަކަށް ތަބާނުވުމަކީ މިއަދު މުޖުތަމައުގައި އާންމު ކަމެކެވެ. ނަމަވެސް ކަފިހިހުރަސް މިފާހަގަ ވެފައިވަނީ އެހެން ނިޝާންތަކާއި ހިލާފަށް އެއްގޮތަކަށް ވެސް އަޅާނުލެވޭ ނިޝާނެއްގެ ގޮތުގަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ވެސް އެގަވައިދާ ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތް ނުކުރެވޭ ނިޝާނެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންވެސް މާލޭގައި އުޅޭތީ އެނގޭނެތާ. މިހާރު މިކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ. ފުރުސަތު ނުދީ މީހުން ހުރަސް ކުރަމުންދާއިރު ވެސް ފުރުސަތު ނުދީ ބާރު ސްޕީޑްގައި ދުއްވާފައި ދަނީ،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި މަގު ހުރަސްކުރާ ނިޝާނުން މީހުންނަށް ފުރުސަތު ނުދިނުން ފަދަ އާދަތައް އާންމުވެފައި މިވަނީ ވަރަށް ފަހުންނެވެ. އެކަން އެގޮތަށް ވަނީ އެންމެންގެ ރައްކާތެރި ކަމަށް ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް މީހުން ތަބާ ނުވާތީ ކަމަށް ނާފިޒް ވިދާޅުވި އެވެ.
"ރާއްޖޭގައި ފަހަކަށް އައިސް މިކަންކަން ބޮއްސުންލާފައި މިވަނީ. ފަހަކަށް އައިސް ހެދިފައި ހުންނަ ގާނޫނާއި އުސޫލުތަކަށް ތަބާނުވުމުގެ އުސޫލް ވަރަށް ބޮޑަށް އެބަހުރި އިނގޭތޯ،" ނާފިޒް ވިދާޅުވި އެވެ.
ލައިސެންސް މިލިބެނީ ޓްރެފިކް ނިޝާންތައް އެނގި ދަސްވެގެންނެވެ. ނަމަވެސް ދެރައީ އަމަލު ނުކުރާތީ އެވެ. ކަމާ ބެހޭ ފަރާތްތަކުން ގަބޫލް ކުރާ ގޮތުގައި ފަހަކަށް އައިސް އެފަދަ ގާނޫނުތަކަށް މީހުން ސަމާލުކަން ނުދެނީ ހޭލުންތެރިކަން ވެސް އިތުރު ނުކުރެވޭތީ އެވެ. ހަމައެއާއެކު ފިޔަވަޅު އެޅޭލެއްވެސް މަދުވުމުންނެވެ.
މާލޭގައި ޓްރެފިކް ލައިޓްތައް ގާއިމް ކުރިދުވަސްވަރު ޓްރެފިކް ޕޮލިހާއި މީޑިއާ ގުޅިގެން ހޭލުންތެރި ޕްރޮގުރާމްތަކެއް ހިންގި ކަމަށާއި އޭރު މީހުންގެ ސަމާލުކަން އެފަދަ ކަންކަމަށް ލިބިގެން ދިޔަ ކަމަށް ނާފިޒް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ހޭލުންތެރި ޕްރޮގުރާމްތަކެއް ކުރިއަށް ގެންދިއުމަށް ޓްރެފިކް ޕޮލިހަށް އަންގާފައިވާނެ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
ފުލުހުން ގަބޫލް ކުރާ ގޮތުގައި ވެސް އެފަދަ ކަންކަމަށް މީހުން ތަބާ ނުވަނީ ގާނޫނަށް ތަބާވުމުގެ ރީތި އުސޫލް އަށަގެންފައި ނުވާތީ އެވެ. ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުގެ އިސް މަގާމެއްގައި ހުންނެވި ފުލުހަކު ވިދާޅުވީ ގިނަ ފަހަރަށް މީހުން ގާނޫނާއި ގަވައިދަށް އަމަލު ކުރަނީ ފުލުހަކު ހުރުމުން ކަމަށާއި ސްކޫލް ސަރަހައްދުތައް ފުލުހުން ތިބެގެން ޓްރެފިކް ބަލާއިރު ވެސް ކަފިހިހުރަހަށް މަޑުނުކޮށް މީހުން ދުއްވާފައި ދާ ކަމަށެވެ.
ކަފިހިހުރަހަށް މަޑުނުކޮށް ދިއުމަކީ ގާނޫނީ ކުށަކަށްވާ އިރު އެފަދަ ފަރާތްތައް ފާހަގަވުމުން އެފަރާތްތައް ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެކަނި ޖޫރިމަނާ އަކުން އެފަދަ މައްސަލަތައް ނުހުއްޓުވޭނެ ކަމަށާއި އެފަދަ ކަންކަމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޓްރެފިކް ޕޮލިހުން ބުނެ އެވެ.
"ކޮންމެ މީހަކަށް ވެސް މަގު ހުރަސް ކުރަން ފުރުސަތު ދޭންޖެހޭ. ހާއްސަގޮތެއްގައި މާބަނޑު އަންހެނުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް މަގު ހުރަސްކުރާއިރު އެމީހުންނަށް ޖާގަ ދިނުން އެއީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިއޮންނަނީ. ހާއްސަކޮށް ޒިބުރާ ކްރޮސްއެއް ވިއްޔާ ފުރުސަތު ދޭންޖެހޭނެ،" ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ކަފިހިހުރަސް މަތިން ސައިކަލެއް ދުއްވާފައި ދަނީ-- ސަން ފޮޓޯ؛ އަލީ ނަސީރު
ޓްރެފިކް ގާނޫނަށް ތަބާ ނުވުމުގެ އެފަދަ މައްސަލަތަކަކީ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ ކަންކަމެވެ. އެގޮތުން އެފަދަ ނިޝާންތަކާއި ހިލާފަށް ދުއްވާ ފަރާތެއް ފުރަތަމަ ފަހަރަށް 250 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު ދެވަނަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ދެން އެ ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކަށް 750 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.
ކިތަންމެ މާތް މަގުސަދެއްގައި ގާނޫނުގައި ކަފިހިހުރަހުގެ ވާހަކަ ލިޔެފައިވީ ނަމަވެސް މިއަދު މިފެންނަނީ އެއީ ހަމައެކަނި މަގުގައި ކުރަހާލާ ކުރެހުމެއްގެ ގޮތުގަ އެވެ. އެއަށް ތަވާބާ މީހުން މަދެވެ. ހަމައެއާއެކު އެނިޝާނާ ހިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭތަން ފެންނަނީ ވަރަށް މަދުންނެވެ.
ތޮށްޖެހި ބާރުވެފައިވާ މި މާލޭގައި ހިނގާ މީހުންގެ ރައްކާތެރިކަން މިވަނީ ގެއްލެން ފަށާފަ އެވެ. އޭގެ އެއް މިސާލަކަށް ކަފިހިހުރަހުން ފުރުސަތު ނުލިބުން ފުދެ އެވެ. މިއީ އެކި އުމުރުގެ އެތައް ބަޔެއްގެ ހައްގަކަށް ވާއިރު ގާނޫނާއި ހިލާފްވާ ފަރާތްތަކުން ގާނޫނަށް ބޯންލެއްވުމަށް ކަމާބެހޭ އިދާރާތަކުން މިހާރަށް ވުރެ ރަނގަޅަށް އަމަލު ކުރަންޖެހެ އެވެ. ހަމައެއާއެކު ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާގެ ދަށުން އަނެކާއަށް ފުރުސަތު ދިނުމުގެ އާދަ އަށަގަންނުވަންޖެހެ އެވެ.