02 Jun 2015, 22:04
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަމަށް އެމަގާމަށް މީގެ ހަތަރު ދުވަސް ކުރިން އިންތިޚާބުވެވަޑައިގެންނެވި ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
ފީފާގެ އިސް ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި، އެ އިދާރާގެ ރައީސް ކަމަށް ފަސް ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފައިވާ ސުވިޒަލޭންޑުގެ އުމުރުން 79 އަހަރުގެ ބްލެޓާ އޭނާގެ އެ "ޖަޒުބާތީ ނިންމެވުން" އިއުލާނުކުރައްވަމުން ވަނީ، އާރައީސަކު އިންތިޚާބުކުރުމަށް ވީއެންމެ އަވަހަކަށް ފީފާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭވުމަށް ގޮވައިލައްވަވާފައެވެ.
ސްވިޒަލޭންޑުގެ ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާގައި މިރޭ ކުރިއަށްގެންދިޔަ ނިއުސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުން، 1998 ވަނަ އަހަރު ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ބްލެޓާ ވިދާޅުވީ، ފީފާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވެންދެން އޭނާ ރައީސްކަމުގެ މަގާމުގައި ހުންނަވާނޭ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ފީފާގެ ކޮންގްރެސްގައި އެ އިދާރާގެ ރައީސް ކަމަށް ފަސްވަނަ ދައުރަކަށް ބްލެޓާ ހޮވިވަޑައިގަތުމުގެ ދެ ދުވަސް ކުރިން، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ފީފާގެ އިސް ހަތް އޮފިޝަލަކު ވަނީ، ހައްޔަރުކޮށްފައެވެ.
"އަޅުގަނޑުގެ މެންޑޭޓަށް ހުރިހާ ފަރާތަކުން އެއްބާރުލުން ލިބިދާނޭކަމަށް ނުފެނޭ،" އިސްތިއުފާދެންވަން ނިންމަވާފައިވާ ކަން އިއުލާނުކުރައްވަމުން ބްލެޓާ ވިދާޅުވިއެވެ.
އެމެރިކާގެ ފެޑެރަލް އިދާރާއިން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން، 14 މީހެއްގެ މައްޗަށް ރިޝްވަތު ދިނުމާއި ވަގުފައިސާގެ ތުހުމަތުކުރުމުން މިދިޔަ ހަފްތާގައި ފީފާއަށް ވަނީ ހަލަބޮލިކަމެއް އައިސްފައެވެ.
ބްލެޓާ އިސްތިއުފާ ދެއްވާނޭކަން އިއުލާނުކުރައްވާފައިވާއިރު، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނޭ ގައުމު ކަނޑައެޅުމުގައި ރިޝްވަތުގެ ކަންތައްތަކެއް ހިމެނޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަވެސް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
"ފީފާއާއި ފީފާއާ ގުޅުންހުރި ކަންކަމާ އަޅުގަނޑާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައި. އެއީ އަޅުގަނޑަށް ވަރަށް މުހިއްމު ކަންތައްތަކެއް. އެހެންވެއަހަރެން މިފަދަ ނިންމުމެއް މިނިންމަނީ،" ބްލެޓާ ވިދާޅުވިއެވެ.
ބްލެޓާ އިތުރަށް ވިދާޅުވީ، އޭނާއަށް މިވަގުތު އެންމެ މުހިންމީ، ފީފާއާއި ދުނިޔޭގެ ފުޓްބޯޅަ ކަމަށެވެ.
ފީފާގެ އޮޑިޓް އެންޑް ކޮމްޕްލައިންސް ކޮމިޓީގެ ޗެއާމަން ޑޮމިނިކޯ ސްކާލާ ވިދާޅުވީ، ފީފާގެ އާ ކޮންގްރެސްއެއް ބޭއްވޭނީ ޑިސެމްބަރު 2015 އާއި މާރޗް 2016އާ ދެމެދުގެ ތާރީޚެއްގައި ކަމަށެވެ.