02 Jun 2015, 20:54
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އިންކާރު ކުރައްވައިފި އެވެ.
މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، 1 މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މިނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
ނަމަވެސް އަނިޔާވެރިކަމަށް ހިތްވަރުދޭގޮތަށް އިމްރާން ދައްކާފައިވާ ކަމަށް ދައުލަތުން ވިދާޅުވާ ވާހަކަތަކުގެ ތަފްސީލެއް ދައުވާގައި ސާފުކޮށްދީފައެއް ނުވެ އެވެ.
ދައުލަތުން ދައުވާ އިއްވައި ނިމުމުން އިމްރާން ވަނީ އޭނާ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިމްރާނުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ދައުވާއާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަށް ދިރާސާކޮލުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އިމްރާނުގެ ފަރާތުން އެދުނު ފުރުސަތު ދިނުމަށް ފަހު ދެން ޝަރީއަތް ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅުފަރާތްތައް ގުޅިގެން އަނިޔާވެރިކަން ނިންމަން އެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އިމްރާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ވަނީ ސިޔާސީ މަގްސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުން ނުވަތަ އެފަދަ މަޤްސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބޭފަދަ ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަން ކަން ކަމަށެވެ.
މީހެއްގެ ފުރާނައަށް ގެއްލުން ނުލިބޭ ޓެރަރިޒަމްގެ އަމަލެއްކުރާ މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އިމްރާނުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހިމާއި، އެޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެދެ ފަރާތުގެ ޝަރީއަތް މިރެއަށް ތާވަލު ކުރެވިފައި ވީ ނަމަވެސް ރާއްޖޭގައި ނޫޅުއްވާތީ އެ ޝަރީއަތް ވަނީ ކެންސަލް ކުރެވިފައެވެ.