02 Jun 2015, 23:16
ރަށްރަށުގެ ކައުންސިލް އިދާރާގައި ހުންނަ ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ހުންނަ ގޮތަށް ހަމަޖެއްސުމަށް ތ. ދިޔަމިގިލީ ކައުންސިލުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް ސަން އަށް ވިދާޅުވީ އެގޮތަށް ހަމަޖެއްސުމަށް ހޯމް މިނިސްޓްރީއަށް ހުށަހެޅީ ރަށްރަށުގައި ހުންނަ ގައުމީ ދިދައަކީ އިރުއޮއްސި 6:00 ގައި ތިރިކުރާ ދިދައެއް ކަމުގައިވުމުން އެކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން އިހްސާސް ކުރެވޭ ކަމަށް ކައުންސިލަށް ފެންނާތީ ކަމަށެވެ.
ހޯމް މިނިސްޓްރީއަށް އާދީއްތަ ދުވަހު އެ ހުށަހެޅުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މިއަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން އެފަދަ ނިންމެވުމެއް ނިންމުމަށް މިއީ އެންމެ މުނާސަބު ވަގުތު ކަމަށް އެކައުންސިލުން ދެކޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިދާރާތަކުގައި ހުންނަ ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބައްޓާފައި ހުންނަގޮތަށް ހަމަޖެއްސުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން، އެފަދަ ހުށަހެޅުންތައް ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށް ނާހިދު ވަނީ ހުރިހާ ކައުންސިލްތަކަށް ގޮވާލައްވާފައެވެ.
މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމިލް އަބްދުއް ސަމަދު ވިދާޅުވީ މިވަގުތު ހޮމް މިނިސްޓަރު މާލޭގައި ނެތުމުން އެފަދަ ހުށަހެޅުމަކާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތެއް ދަންނަވަން ނޭންގޭ ކަމަށެވެ.