03 Jun 2015, 10:42
އަންނަ ހުކުރު ދުވަހުގެ ރޭ ޖަރުމަންގެ ބާލިންގެ އޮލިމްޕިއޯ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗްގައި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ބާސެލޯނާއާ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީގެ ޔުވެންޓަސް ބައްދަލު ކުރާ މެޗަށް ޔޫރަޕްގެ ފުޓްބޯޅައާއި ގުޅުން ހުރި ފަރާތްތަކުން ދަނީ ތައްޔާރު ވަމުންނެވެ. ފައިނަލްގައި ވާދަކުރާ ދެޓީމްވެސް ފައިނަލަށް ދަތުރު ކުރީ ޔޫރަޕްގެ ފުޓްބޯޅައިގެ ބާރުގަދަ ކުލަބުތައް ބަލިކުރުމަށް ފަހުގައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗަށް ނުކުންނައިރު މި ދެ ކުލަބުވެސް ވަނީ އެކުލަބުތައް ނިސްބަތްވާ ގައުމުތަކުގެ އެއްވަނަ ޑިވިޝަންގެ ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.
މިދެޓީމް ފައިނަލް މެޗަށް ނިކުންނައިރު މީޑިއާގައި ދެކެވެނީ ފައިނަލް މެޗްގައި ދެޓީމްގެ ގޭމް ޕްލޭންއާއި ޓެކްޓިސް ތަކުގެ ވާހަކައެއް ނޫނެވެ. އަދި ދެޓީމްގެ ކުޅުންތެރިންގެ ހުނަރުވެރިކަން އަޅާ ކިޔުމުގެ ވާހަކަ ތަކެއްވެސް ނޫނެވެ. މެޗްގެ ފޯރީގެ ވާހަކަ ނެގުމުގެ ކުރިން މީޑިއާގެ ސަމާލުކަން ލިބިފައިވަނީ ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒްއާއި އޭނާއާ ދެކޮޅަށް ނުކުންނަ ޔުވެންޓަސްގެ ދެ ކުޅުންތެރިންގެ ވާހަކައަށެވެ. ޔުވެންޓަސްގެ ދެ ޑިފެންޑަރުން ކަމުގައިވާ އިޓަލީގެ ޖިއަޖިއޯ ކިއަލީނީއާ ފްރާންސްގެ ޕެޓްރިކް އެވްރާގެ ވާހަކައެވެ.
ސުއަރޭޒްއާއި ޔުވެންޓަސްގެ ދެ ކުޅުންތެރިންގެ ވާހަކަ ފެންމަތިވުން ގުޅިފައިވަނީ ސުއަރޭޒްގެ ފަރާތުން މިދެކުޅުންތެރިންނަށް އަމާޒުވެފައިވާ ހަމަލާތަކުގެ ވާހަކައިންނެވެ. އެހަމަލާތަކަށްފަހު އެކުޅުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ކުރިމަތިލުން ކަމުގައިވާތިއެވެ.
ހާއްސަކޮށް ކިއަލީނީއާ ސުއަރޭޒްގެ ވާހަކަ މިމައުލޫގައި ވަނީ ގަދަވެފައެވެ. މިމައުލޫގެ ފުރަތަމަ ފޮޅުވަތް ފެށިފައިވަނީ މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ގުރޫޕް ޑީ ގައި އިޓަލީއާއި އުރުގުއޭ ބައްދަލު ކުރިމެޗްގައި ހިނގާފައިވާ ހާދިސާތަކުގެ ހިސާބުންނެވެ. އެމެޗްގައި 1-0 ގެ ނަތީޖާއަކުން އުރުގުއޭ މޮޅުވުމަށްވުރެ، އެމެޗްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އިޓަލީގެ ޑިފެންޑަރު ކިއަލީނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅި ހާދިސާއެވެ.

ވޯލްޑް ކަޕްމެޗްގައި ކިއލީނީގެ ގައިގަ ދަތް އަޅާ މަންޒަރުގެ ވީޑިއޯ ސްކްރީން ޝޮޓް ހަދާފައިވާ ފޮޓޯ
ސުއަރޭޒްގެ ދަތް ޖެހުނުތަން ކިއަލީނީގެ ކޮނޑުގައި ފާހަގަވެފައިވެސް ހުއްޓެވެ. އެއީ ދަނޑު މަތީގައި ސުއަރޭޒް ކުޅުންތެރިޔެއްގެ ގައިގައި ދަތް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ކުޅުންތެރިންގެ ގައިގައި ދަތް އެޅުމުގެ ރެކޯޑެއް ސުއަރޭޒްގެ ފަސްބައިގައިވަނީ ޖެހިފައެވެ.

ކޮނޑުގައި ސުއަރޭޒް ދަތް އެޅިތަން ކިއެލިނީ ދައްކާލަނީ --- ފޮޓޯ ޓެލެގްރާފް
ހޮލެންޑްގެ އަޔެކްސްގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ 2010 ވަނަ އަހަރު އަޔެކްސްއާ ޕީއެސްވީ އެންދޯވަން ކުޅުނު މެޗްގައި ޕީއެސްވީގެ މިޑްފީލްޑާ އޮޓަމަން ބާކަލްގެ ކޮނޑުގައިވެސް ސުއަރޭޒް ވަނީ ދަތް އަޅާފައެވެ. އެފަހަރު އަދަބެއްގެ ގޮތުން ހޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހަތް މެޗަށް ސުއަރޭޒް ސަސްޕެންޑްކޮށްފައެވެ.

އޮޓަމަން ބާކަލްގެ ކޮނޑުގައި ސުއަރޭޒް ދަތް އަޅާ މަންޒަރުގެ ވީޑިއޯއިން ސްކްރީން ޝޮޓެއް
ދެން ސުއަރޭޒްގެ ހަމަލާއެއް އަމާޒުވީ ޗެލްސީގެ ޑިފެންޑަރު ބްރެނިސްލާވް އިވޮނަވިޗަށެވެ. 2013 ވަނަ އަހަރު ޗެލްސީއާއި އޭރު ސުއަރޭޒް ކުޅެމުން ދިޔަ ލިވަޕޫލް ބައްދަލު ކުރި މެޗްގައި ސުއަރޭޒް ވަނީ އިވޮނަވިޗް އަތުގައި ދަތް އަޅާފައެވެ. އެފަހަރު އަދެއްބެއްގެ ގޮތުން ސުއަރޭޒް ވަނީ 10 މެޗަށް ސަސްޕެންޑްކޮށްފައެވެ.

ބްރެނިސްލާވް އިވޮނަވިޗް އަތުގައި ސުއަރޭޒް ދަތް އަޅަނިކޮށް ނަގާފައިވާ ވީޑިއޯ ސްކްރީން ޝޮޓެއް
އެންމެފަހުން ދަނޑު މަތީގައި ސުއަރޭޒްގެ އެފަދަ ހަމަލާއެއް އަމާޒުވީ ކިއަލީނީއަށެވެ. އެފަހަރު ސުއަރޭޒް ހަތަރު މަހަށް ސަސްޕެންޑް ކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. އެމުއްދަތުގައި ފީފާގެ އެއްވެސް މެންބަރު ގައުމެއްގައި ހިންގާ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ސުއަރޭޒް ބައިވެރި ކުރުމަށް ފީފާއިން މަނާ ކުރިއެވެ.
އެވްރާއަކީވެސް ސުއަރޭޒްގެ ހަމަލާ އެއް ހަމާޒުވެފައިވާ ކުޅުންތެރިޔެކެވެ. ނަމަވެސް އެވްރާއަށް އަމާޒުވެފައިވަނީ ދަތް އެޅުމުގެ 'ޝިކާރަ' އެއް ނޫނެވެ. ސުއަރޭޒް އެވްރާއާ މެދު ހިންގާފައިވަނީ ނަސްލީ އިމްތިޔާޒްގެ ހަމަލާއެވެ. ސުއަރޭޒްވަނީ އޭރު އެވްރާ ކުޅެމުން ދިޔަ މެންޗެސްޓާ ޔުނައިޓަޑާ ލިވަޕޫލް ކުޅުނު މެޗެއްގައި އެވްރާއަކީ ކަޅު ކުޅުންތެރިޔަކަށް ވުމުން އޭނާއާ ދިމާކޮށްފައެވެ. މިއަމަލަށް ބޮޅެއް އިތުރު ވެގެންދިޔައީ އޭގެ ފަހުން ލިވަޕޫލްއާ މެންޔޫ ކުޅުނު މެޗްގައި އެވްރާ ސުއަރޭޒްއާ ސަލާމް ކުރުމަށް ދެކޮޅު ހެދުމުންނެވެ. އަދި ފަހުން ކުޅުނު މެޗެއްގެ ކުރިން ސުއަރޭޒްވެސް ވަނީ އެވްރާއާ ވެސް ސަލާމް ކުރުމަށް ދެކޮޅު ހަދާފައެވެ.

އެވްރާ ސަލާމް ކުރުމަށް އަތް ދިކުރުމުން ސުއަރޭޒް ދެކޮޅު ހަދަނީ ---
ހުކުރު ދުވަހުގެ ރޭ މެޗަށް ނިކުންނައިރު މިކުޅުންތެރިން ބައްދަލު ކުރާއިރު ވެގެންދާނެ ގޮތަކާމެދު ގިނަ ބަޔަކު ތިބީ ޝައުގުވެރިވެފައެވެ. ސުއަރޭޒްއާ ބައްދަލުވާއިރު ކިއަލީނީ ހުރީ އުފަލުންނެވެ. ކިއަލީނީ ބުނެފައިވަނީ ސުއަރޭޒްއާ ސަލާމް ކުރަން ޖެހުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.
"ހަމަ ޔަގީން އަހަރެން ސަލާމް ކުރާނަން. އަހަރެން އުފަލާއެކު ސުއަރޭޒް ގައިގައި ބައްދާލާނަން. އަހަރެންނަކީ ކާކުކަން އެނގޭ މީހުންނަށް އެނގޭނެ މިކަމުގައި އަހަރެންގެ އިހްސާސްތައް ހުންނާނީ ކިހިނެތްކަން އަހަރެން އޭނައާ މެދު އެއްވެސް މައްސަލައެއް ނެތް. އަހަރެން އުންމީދު ކުރަނީ އޭނާވެސް އެގޮތަށް ދެކޭނެކަމަށް،" ކިއަލީނީ ބުންޏެވެ.
ވޯލްޑް ކަޕް މެޗްގައި ހިނގި ހާދިސާއަށް ފަހު ސުއަރޭޒް ބުނެފައިވަނީ އޭނާއަށް ދަތް އެޅުނު ކުޅުންތެރިންގެ ކިބައިން މާފަށް އެދޭކަމަށާއި އެކަމުގެ ޒިންމާ އޭނާ ނަގާކަމަށެވެ. ނަމަވެސް ސުއަރޭޒް ނަސްލީ ގޮތުން ތަފާތު ކުރި އެވްރާގެ ކިބައިން މާފަށް އެދިފައެ ނުވެއެވެ.
ދަތް އެޅި ހާދިސާއާއި ގުޅިގެން "އަހަންނާ މެދު އެޅި ފިޔަވަޅަކީ އަހަރެން ކުރި ކަމެއްގެ ސަބަބުން އަހަންނާ މެދު އެޅި ފިޔަވަޅެއް. އެކަން އަހަރެން ބަލައިގަންނަން. ނަމަވެސް ހެއްކެތް ނެތި އަހަންނާ މެދުރެސިޒަމްގެ ތުހުމަތުކޮށް އެޅި ފިޔަވަޅުން އަހަރެން ދެރަވި" ސުއަރޭޒް ބުނެފައިވެއެވެ.
ފައިނަލް މެޗަށް ނިކުންނައިރު އެވްރާވެސް ހުރީ ހިތް ހަލާސްކޮށްގެންނެވެ. އެވްރާ ބުނެފައިވަނީ އޭނާވެސް ހުރީ ފައިނަލް މެޗަށް ތައްޔާރުވެގެން ކަމަށާއި އޭނަވެސް ސުއަރޭޒްއާ ސަލާމް ކުރާނެ ކަމަށެވެ.
މިކުޅުންތެރިންގެ ބަހުން ކުޅުންތެރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ނިމުމަކަށް ގެންނަން ބޭނުވާކަން އެނގެއެވެ. ދެން އޮތީ މެޗަށް ނިކުންނައިރު ކުޅުންތެރިން އެކަކު އަނެކަކާ ބައްދަލު ކުރާއިރު އެކުޅުންތެރިން ޝުއޫރުތަކާއި ކުލަވަރު ހުންނާނެ ގޮތެވެ. އެކުޅުންތެރިންގެ ހިނިތުންވުމާ މުނު މަތީގެ އިޝާރާތްކުން ހާމަކޮށްދޭނެ މެސެޖުތަކެވެ. މިކަންކަންވެސް ތަރުޖަމާ ކުރަނެ ފަރާތްތަކެއް ތިބޭނެއެވެ.