ސަރުކާރުގެ ގިނަ އޮފީސްތަކަކާއި ވުޒާރާތަކެއް ހިންގަމުން އަންނަ ވެލާނާގޭ ހަތަރު ވަނަ ބުރީގައި ހުންނަ ނަމާދު ކުރާތަން އެ އިމާރާތުގެ 12 ވަނަ ބުރިއަށް ބަދަލުކޮށް، މިއަދު އެތަން ހުޅުވައިފި އެވެ.

މިއަދުގެ އަސްރުނަމާދު ފެށެން ކައިރިވެފައިވަނިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯޗެއާ އަހްމަދު އަދީބާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރެވެ.

ނަމާދުކުރާތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު އަދީބު ވިދާޅުވީ، ސިވިލްސާވިސް ކޮމިޝަން ހިންގާ 12 ވަނަ ބުރިއަށް އެތަން ބަދަލުކުރީ ކުރިން ހުރި ތަނުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީހެއް ގާއިމު ކުރުމަށް ކަމަށެވެ.

މުޅިއެކު 53 މީހުންގެ ޖާގައިގެ ނަމާދުކުރާ އެތަން ގާއިމްކުރެވިގެންދިޔުމަކީ ވެލާނާގޭގައި ހިންގާ އޮފީސްތަކުގައި އުޅޭ މުވައްޒަފުންނަށް ރަމަޟާން މަހު ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން ހެދި އެތަނުގައި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މުސްހަފްތަކާއި ނަމާދު ކުރާތަކެތި ބެހެއްޓުމަށް ތަޅުލާ ކަބަޑުތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

ނަމާދުކުރާތަން ހުޅުވުމަށްފަހު އަދީބާއި ޑރ. ޒިޔާދުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ބަންޑާރަ ނައިބު މުހައްމަދު އަނީލް އާއި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ދައުލަތުގެ ބައެއް އިދާރާތަކުގެ ބައެއް ބޭފުޅުން ވަނީ އެތަނުގައި ނަމާދުކުރައްވާފައެވެ.

ވެލާނާގޭ 12 ވަނަ ބުރީގައި ގާއިމުކުރި ނަމާދުކުރާ ތަނުގައި އިމާމްވެ މިއަދުގެ ޢަޞްރުނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދެވެ.