02 Jun 2015, 18:49
އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓުރީއާ މޯލްޑިވްސް ޕޯޓުސް ލިމިޓެޑު (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޕީއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ މަހުދީ އިމާދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމާއި އެކު އެ ދެ ރަށުގެ [އައްޑޫ އަދި ފުވައްމުލަކުގެ] ރައްޔިތުންނަށް ދަތުރުފަތުރުގެ މައްސަލައަށް ދިމާވެފައިވާ ދަތި ކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަމަހުގެ ތެރޭގައި އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުން ރަނގަޅު ދަތުރުފަތުރުގެ ހިދުމަތެއް ލިބިފައި ނުވާތީ ރައްޔިތުން ވަރަށް ދަތި ހާލުގައި އުޅެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު އިކޮނޮމިކު މިނިސްޓަރު ސައީދު (ވ) ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ އާދަމް ނަޒީރު
"އައްޑޫ ސިޓީއާ ފުވައްމުލަކުގައި ދިިރުއުޅޭ ރައްޔިތުން ދަތުރު ކުރުމަށް އޮތް ލޯންޗުގެ ހިދުމަތް ވެސް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ. ދެން މިއަދު އެމްޕީއެލްއާއެކު މިވެވޭ އެއްބަސްވުމުގެ އެންމެ ބޮޑު އެއް އުފާވެރިކަމެއް ލިބެނީ އެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް. އެއީ އެމްޕީއެލް އިން ކަށަވަރުކޮށްދޭ ވަގުތުން ވަގުތަށް ވެސް އެ ހިދުމަތް ދޭން އެބޭފުޅުން ފަށްޓަވާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މުސްތަގުބަލުގައި އެކަން ކުރާނެ ގޮތުގެ ވަރަށް ފުރިހަމަ ތަސައްވަރެއް އެމްޕީއެލް އިން ކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ދަތުރު ފަތުރުގެ ހިދުމަތް ދޭއިރު ބަސް ދަތުރުތަކަށް ގެންގުޅޭނީ މުޅިން އާ ބަސްތަކެއް ކަމަށެވެ. އަދި އެ ބަސްތަކަކީ އޭސީ ހަރުކޮށްފައި ހުންނަ ބަސްތަކެއް ކަމަށާއި އެކަމުގެ ސަބަބުން އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި އެމްޕީއެލް އިން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ދެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު އެމްޕީއެލްހެ ސީއީއޯ ޖުނައިދު (ވ) ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އާދަމް ނަޒީރު
"މި ދެރަށުގައި [އައްޑޫ އަދި ފުވައްމުލަކު]ގައި މިކަމަކީ އާ ކަމެއް ނޫން. މިކަމަކީ ކުރިން ވެސް ކޮށްފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑުމެންނަކަށް މިކަމަކީ އުނދަގޫ ކަމަކަށް ވެގެނެއް ނުދާނެ. ދެން އައްޑޫ ހިތަދޫގައި ހަތަރު ބަސް ހުޅުމީދޫގައި ދެ ބަސް އަދި ފުވައްމުލަކުގައި ވެސް ދެ ބަހުގެ ހިދުމަތް ދޭން މި ވިސްނަނީ. ދެން އެކަން އަޅުގަނޑުމެން އިންކުރީޒް ކުރަމުންދާނީ،" ޖުނައިދު ވިދާޅުވިއެވެ.