02 Jun 2015, 17:56
ފޯޖީ ނެޓްވޯކް ރާއްޖޭގައި އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ޕެކޭޖަކާ އެކުވެސް މިހާރު ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އުރީދޫ އިން ބުނީ އެކުންފުނީގެ ހުރިހާ މޮބައިލް އަދި ބްރޯޑްބޭންޑް ޕެކޭޖުތަކުގައި ފޯޖީ އެލްޓީއީ ނެޓްވޯކް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް އެއްވެސް ތަފާތުކުރުމަކާ ނުލައި ހިމެނޭނެ ކަމަށެވެ.
ފޯޖީ އެލްޓީއީ ނެޓްވޯކާއެކު އުރީދޫ ކަސްޓަމަރުންނަށް 100 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭނެ ކަމަށާއި އެގޮތުން ކަސްޓަމަރުންނަށް ތްރީޖީ ޕްލަސް ނެޓްވޯކްގެ ސްޕީޑަށްވުރެ ހަ ގުނަ ހަލުވި ސްޕީޑުގައި އިންޓަނެޓް ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މީގެ ކުރިން އުރީދޫގެ ފޯޖީ ނެޓްވޯކް ބޭނުންކުރާނަމަ ޖެހެނީ ފޯޖީ ސިމެއް ފޯޖީ ފެކޭޖަކާއެކު ނަގާށެވެ. ނަމަވެސް އުރީދޫއިން މިހާރު ވަނީ ކަސްޓަމަރުން ގެންގުޅޭ ތްރީޖީ ސިމް ފޯޖީ ސިމްއަކަށް ބަދަލުކޮށްލައިގެން، އެއްވެސް ޕެކޭޖަކާ ނުލައި، ނުވަތަ ކޮންމެ ޕެކޭޖަކާ އެކުވެސް ބޭނުންކުރެވޭނެ މަގު ހުޅުވާލާފައެވެ.
އެގޮތުން އުރީދޫގެ ފިހާރަތަކުން ތްރީޖީ ސިމް ފޯޖީ ސިމްއަށް ބަދަލުކޮށްދޭނެ ކަމަށާއި އަގަކަށް 30 ރުފިޔާ ޗާޖްކުރާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.
އުރީދޫއަކީ ރާއްޖޭގައި ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކުރި ފުރަތަމަ ކުންފުންޏެވެ. އަދި އުރީދޫގެ ފޯޖީ އެލްޓީއީ ނެޓްވޯކަކީ އެޕަލް އަދި ސެމްސަންގް ފަދަ ކުންފުނިތަކުން ރާއްޖޭގައި އެންމެ ފުރަތަމަ ސެޓިފައިކޮށްފައިވާ ނެޓްވޯކެވެ.