02 Jun 2015, 17:01
ޖަލަށްލާފައިވާ މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ، ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކޮށްފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.
އަންވަރުގެ އަނބިކަނބަލުން ވެން އަޒީޒާ ވެން އިސްމާއީލާ ހަވަލާދީ ފްރާންސް 24 އިން މިއަދު ބުނީ އަންވަރު މިއަދު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޕްރެޝަރު މައްޗަށްގޮސް ސިއްހީ މައްސަލަތަކެއް ދިމާވުމުން ކަމަށެވެ.
ވެން އަޒީޒާ ވަނީ ޖަލު ބަލަހައްޓާ ފަރާތްތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ވިދާޅުވީ އަންވަރު ޑޮކްޓަރަށް ދެއްކުން ފަސްކޮށް، ބަލި ދެނެގަތުމަށް ޓެސްޓް ހެދުން ވެސް ފަސްކޮށްފައިވާ ކަމަށެވެ.
"އަންވަރުގެ ބްލަޑް ޕްރެޝަރު މައްޗަށް ގޮއްސަ ތިރިއަށް ދަނީ ކޮންޓްރޯލެއް ނެތި. އެ ނޫން ވެސް ވަރަށް ގިނަ ސީރިއަސް މައްސަލަތައް އެބަހުރި،" އަންވަރުގެ އަނބިކަނބަލުން ވިދާޅުވި އެވެ.
އަޒީޒާ ވިދާޅުވީ އަންވަރުގެ ކަނާތު ކޮނޑަށް ވެސް ތަދުވާ ކަމަށާއި ސްކޭނެއް ހެއްދުމަށް ފެބްރުއަރީ މަހުން ފެށިގެން އެދެމުން އަންނަ ކަމަށެވެ.
އަންވަރުގެ ވަކީލު ވިދާޅުވީ އަންވަރުގެ ބޮޑުކަމުދާ އެއްޗެތީގައި ލޭ ހުރި ކަމަށެވެ.
އަންބަރު ،68، އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ވަނީ ފަސް އަހަރަށް ޖަލަށް ލައިފަ އެވެ.