ރ. މާކުރަތު ސިއްހީ މަރުކަޒާއި ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މަސައްކަތާ ހަވާލުވި ދެ ކުންފުނީގެ ފަރާތުން ސޮއިކުރީ އެ ދެ ކުންފުނީގެ އިސްވެރިންނެވެ.

މާކުރަތު ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ޖުމްލަ 664،556.40 ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ހަވާ ވުޑް ވޯކްސް ޕްރަވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް 34 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ޖުމްލަ 287،465 ރުފިޔާ އަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ އާރު ވޯކްޝޮޕް ނަމަކަށް ނިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް 32 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް މަރާމާތުކޮށް އެތަންތަނުގެ ޚިދުމަތް މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަކީ ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެގޮތުން ރ. އަތޮޅުގެ 14 ރަށެއްގެ ތެރެއިން 10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން މިހާރު މަރާމާތުކޮށް އެކަމަށް 35 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށާއި އެހެން ރަށްރަށުގެ މަސައްކަތްތައް ކުރަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން ހއ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އަށް ރަށެއްގައި ފަށައި އެ އަތޮޅުގައި ގިނަ ޕްރޮޖެކްޓެއް ހިންގި އިރު އެކަމަށް ދައުލަތުގެ މާލިއްޔާ އިން ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަންތަން މަރާމާތުކޮށް އެތަންތަނަށް ބޭނުންވާ އިތުރު "މެޑިކަލް އިކުއިޕްމަންޓްސް" އެތަންތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.