02 Jun 2015, 17:53
މަސްގަތު (ޖޫން 2): އެމެރިކާގެ މަސްއޫލުވެރިން ސީދާ ގޮތެއްގައި ޔަމަންގެ ހޫޘީ ޖަމާއަތުގެ ލީޑަރުންނާ އުމާންގައި ސިއްރިޔާތުގައި ވާހަކަ ދައްކަމުން ގެންދާކަމަށް، ވެރިކަމުން އެއްފަރާތް ކޮށްފައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރުން ބުނެފި އެވެ.
ހާދީ ގެ ސަރުކާރުގެ ތަރްޖަމާން ރާޖިޙް ބާދީ ވިދާޅުވީ ހޫޘީ ލީޑަރުންނާ އެމެރިކާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން ގެންދަނީ އުމާންގެ ވެރިރަށް މަސްގަތުގައި ކަމަށާއި މިވާހަކަތަކުގައި އީރާންވެސް ބައިވެރިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން މިވާހަކަތަކަށްޓަކައި ހޫޘީ ލީޑަރުން ޔަމަނުން އުމާންގެ ވެރިރަށް މަސްގަތަށް ގެންދިޔައީ އެމެރިކާގެ ޚާއްސަ މަތިންދާބޯޓެއްގައެވެ.
ރާޖިޙް ބާދީ ވިދާޅުވީ ހޫޘީ ލީޑަރުންނާ އެމެރިކާގެ މަސްއޫލުވެރިން ދައްކަވަނީ ކޮންވާހަކަތަކެއްކަން ނޭނގޭ ކަމަށާއި ހޫޘީ ލީޑަރުންނާ ދައްކަންޖެހޭނީ އދ. ގެ ގަރާރުތަކަށް އެޖަމާއަތުން ބޯލެނބުމުގެ ވާހަކަތައްކަމަށް ޔަމަންގެ ސަރުކާރުން ދެކޭކަމުގައެވެ. މިކަމަށް ހޫޘީންނަށް މަޖްބޫރު ކުރުމަށް އޭނާ އެމެރިކާއަށް ގޮވާލެއްވިއެވެ.
ހޫޘީ ލީޑަރުންނާ އެމެރިކާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން ގެންދާ މައްސަލާގައި ޔަމަންގެ ސަރުކާރުގެ އިތުރުން އެސަރުކާރަށް ވާގިވެރިވާ ސައޫދީ އަރަބިޔާވެސް ވަނީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް މިމައްސަލައިގައި ސައޫދީ މަސްއޫލުވެރިއަކު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ހޫޘީންނާއި އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަތަކާ ގުޅިގެން ހޫޘީންވަނީ އެޖަމާއަތުން ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތަކު ދޫކޮށްލާފައެވެ. ނަމަވެސް އެމެރިކާއަކީ ހޫޘީންނާ ދެކޮޅަށް ސައޫދީން އިސްވެ ދެމުން ގެންދާ ވައިގެ ހަމަލާތަކަށްވެސް އެހީވާ ގައުމެކެވެ. ހޫޘީންނާއެކު އެމެރިކާގެ މަސްއޫލުވެރިން ދެއްކެވީ ކޮންވާހަކަތަކެއްކަން ސާފުވެފައެއް ނުވެއެވެ. ދެފަރާތުގެ މިބައްދަލުވުންތައް ދިޔައީ ސިއްރު ގޮތެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ހޫޘީންނާމެދު ސައޫދީ އަރަބިޔާ ދެކޭގޮތާއި އެމެރިކާ ދެކޭގޮތް ވަރަށް ތަފާތެވެ. ހޫޘީންގެ އަތުން ހަތިޔާރު ނިގުޅައިގަތުމަށްފަހު ހާދީގެ ސަރުކާރާ ޔަމަންގެ ވެރިކަން އަލުން ޙަވާލުކުރަން ސައޫދީން ބޭނުންވާއިރު އެމެރިކާ ބޭނުންވަނީ ހާދީއަށް ތާއީދުކުރާ ފަރަތްތަކާއި ހޫޘީންނާ އެހެންވެސް ސިޔާސީ ފަރާތްތައް ޝާމިލްވާގޮތަށް ޔަމަންގައި އިންތިގާލީ ވަގުތީ ސަރުކާރެއް އުފެއްދުމަށެވެ.
ޔަމަންގެ ރައީސް ހާދީ އަކީ ހޫޘީން ޔަމަންގެ ވެރިރަށް ސަންޢާ ހިފުމުން ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު އެގައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދަނަށް ފިއްލެވި ބޭފުޅެކެވެ. އަދަނަށް ފިއްލެވުމަށްފަހު އޭނާވަނީ ސިއްރުން އުމާނަށް ވަޑައިގެން ސައޫދީ އަރަބިޔާއިން ހިމާޔަތް ހޯއްދަވައިގެން ރިޔާޒަށް ވަޑައިގެންފައެވެ. ނަމަވެސް ރިޔާޒަށް ވަޑައިގަތުމުގެ ކުރިން ހާދީ ވަނީ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދެއްވުން އަނބުރައި ގެންދަވާފައެވެ.
ހާދީ އާއި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރާއި އެސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް މިހާރު ދިރިއުޅުއްވަނީ ސައޫދީގައެވެ. އަދި ޔަމަންގެ ވެރިކަމުގެ އަމުރުތައްވެސް ހާދީ ނެރުއްވަނީ ސައޫދީ ގައި ހުންނަވައިގެންނެވެ. ނަމަވެސް ހާދީ ނެރުއްވާ އަމުރުތަކަށް ތަބާވަނީ ޔަމަންގެ ރައްޔިތުންގެ ތެރެއިން އޭނާގެ ސަރުކާރަށް ތާއީދުކުރާ މީހުންކޮޅު އެކަންޏެވެ.
ޔަމަންގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮތީ ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަށް ތާއީދުކުރާ ޔަމަން ސިފައިންގެ އަތްދަށުގައާއި އެގައުމުގެ ގަބީލާތަކުގެ އަތްދަށުގައެވެ. ސާލިޙް ވަނީ ހާދީ އަކީ ބޭރުގައުމުތަކުގެ އެޖެންޓެއް ކަމަށް ސިފަކުރައްވައި ހާދީ އަށް ދެން ޔަމަންގެ ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ހާދީ ޔަމަންގެ ރައީސެއްގެ ހައިޘިއްޔަތުން އެގައުމަށް ގެނައުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ޙޫޘީންނާ ގުޅިގެން ހަނގުރާމަ ކުރައްވާނެ ކަމުގެ އިންޒާރުވެސް ސާލިޙް ދެއްވާފައިވެއެވެ. ޔަމަންގެ ސިފައިންގެ ކޮންޓްރޯލް އޮންނަނީ ސާލިޙް އަށެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ޙަމަލާތަށް ދެމަސް ދުވަހަށްވުރެ ދިގުދެމިގެން ގޮސްފައިވާއިރު ސައޫދީން އިޢްލާންކުރި އަސްކަރީ އެއްވެސް ލަނޑުދަނޑިއެއް މިޙަމަލާތަކުން އަދި ޙާސިލްވެފައެއް ނުވެއެވެ.
މިޙަމަލާތަކުން ޙާސިލް ކުރުމަށް ސައޫދީ މަސްއޫލުވެރިން އިއްލާންކުރެއްވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ ގައުމު ދޫކުރައްވައި ސައޫދީ އަށް ފިއްލަވައިގެން އުޅުއްވާ އަބްދުރައްބު މަންސޫރު ހާދީއަށް އަލުން އަނބުރައި ވެރިކަން ހޯދައިދިނުމަށް ޓަކައި އޭނާ ސަންއާއަށް ގެންދިޔުމާއި ހޫޘީ ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައި ގަތުމާއި ޔަމަންގެ ބޮޑެތި ހުރިހާ ރަށްތަކަކުން ހޫޘީ ހަނގުރާމަވެރިން ބޭރުކުރުމެވެ. މިއިން އެއްވެސް މަގްސަދެއް ސައޫދީންގެ ޙަމަލާތަކުން އަދި ޙާސިލް ވެފައެއް ނުވެއެވެ. ނަމަވެސް ސައޫދީންގެ ޙަމަލާތަކުގައި ޔަމަންގެ ދެހާހަށްވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ ދެމިލިޔަނެއްހާ މީހުން ޙާލުގައި ޖެހިފައިވާކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)