ޝަންގްރިއްލާ، ވިލިގިނލި ރިސޯޓުގެ ގަހަނާ ފިހާރައެއް ފަޅާލައި ގަހަނާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޝަންގުރިއްލާގެ ގަހަނާ ފިހާރައެއްގެ ބިއްލޫރި ނައްޓައިގެން ވަދެ ވައްކަން ކުރި މައްސަލައެއް މިއަދު 10:00 ޖަހާކަންހާއިރު ފުލުހުންނަށް ހުށައެޅުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެމައްސަލާގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ފިހާރަ އިން ގަހަނާ ވަނީ ވަގަށް ނަގައިފަ އެވެ. ނަމަވެސް ޝަންގްރިއްލާ އަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އޭގެ ތަފްސީލް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެ ރިސޯޓުގައި ވައްކަމުގެ މައްސަލައެއް ހިނގާފައިވާ އިރު މީގެ އެއް މަސް ކުރިން ވަނީ އެ ރިސޯޓުން 68000 ޑޮލަރު (1.04 މިލިއަން ރުފިޔާ) އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި މުވައްޒަފަކު ހައްޔަރުކޮށްފަ އެވެ.

ރިސޯޓުގެ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.