ދ. ކުޑަހުވަދޫގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ކުޑަހުވަދޫގެ 13 މަގެއްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ޖުމްލަ 6.3 ކިލޯމިޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެއެވެ.

ކުޑަަހުވަދޫގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

މޫސުމާއި އެހެނިހެން ކަންތައްތައް ތަންދޭ ގޮތަށް ބަލާާފައި ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ ސްޕީޑުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ 10 މަސްތެރޭގައި މަސައްކަތް ނިމިގެންދާނެ ކަމަށް އެމްއާރުޑީސީ އިން ވަނީ ބުނެފައެވެ.

ސަރުކާރުން އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 18 މަސްދުވަހެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، އެ މަސައްކަތަށް ސިޔާމް ކޮންސްޓްރަކްޝަންގެ ފަރާތުން ބޮޑެތި އެހީތަކެއް ލިބިފައިވާކަމަށާއި ވީހާވެސް އަވަސް ސްޕީޑެއްގައި އެ މަސައްކަތް ނިންމާނެ ކަމަށެވެ.

ކުޑަހުވަދޫގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށްޓާފައިވާއިރު އޭގެ ސަބަބުން ރަށުގެ އިތުރުން އަތޮޅަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއާރުޑީސީގެ އިތުރުން ކުޑަހުވަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫގައި އޮތް މި ރަސްމިއްޔާތުގައި އެ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު އާއި ފިނޭންސް މިނިސްޓަރާއި ހައުސިން މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.