ކައުންސިލްތަކުގެ އިދާރާ ނޫން އެހެން ތަންތަން ބޭނުން ކުރުމުގެ ހުއްދަ ލިޔުމަކުން ވަކި ކައުންސިލަކާ ހަވާލު ނުކުރާހާ ހިނދަކު އެތަންތަނުގައި ހުރި އުފުލޭ މުދަލާއި ނޫފުލޭ މުދާ ހިމާޔަތްކޮށް ބެލެހެއްޓުން ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މަހުމުދު ރާޒީ ސޮއިކުރައްވާ އާންމު ކުރެއްވެވި ސާކިއުލާއެއްގައި ބުނަނީ "... ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ގާއިމު ކުރައްވާފައިވާ ކައުންސިލގެ އިދާރާ ނޫން އެހެނިހެން ތަންތަން ބޭނުން ކުރުމުގެ ހުއްދަ ލިޔުމަކުން ވަކި ކައުންސިލަކާ ހަވާލު ނުކުރެވޭހާ ހިނދަކު އެތަންތަނާއި އެތަންތަނުގައިހުރި އުފުލޭ މުދަލާއި ނޫފުލޭ މުދާ ހިމާޔަތްކޮށް ބެލެހެއްޓުން ވަނީ ދިވެހި ފުލުހުންނާ ހަވާލު ކުރެވިފައި" ކަމަށެވެ.

އެ ސާކިއުލާގައި ބުނަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ އިހުތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅައި އެ ސަރަހައްދުގެ އިން ވަކި ކުރުމުގެ ނިޒާމެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑަ އަޅަން ޖެހޭ ކަމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ބުނަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ވަކިވަކި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލެއްގެ އިހުތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅައި އެ ސަރަހައްދުގެ އިން ވަކިކޮށް ނިމުމުން ކަނޑައެޅޭ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކުގައިވާ ތަކެތި ކައުންސިލްތަކާ ހަވާލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ރައީސްލް ޖުމްހޫރިއްޔާ ގާއިމު ކުރައްވާފައިވާ ކައުންސިލްގެ އިދާރާ ގާއިމުކުރައްވާފައިވާ ތަން ނޫން އެހެންތަނެއް ގާއިމު ކުރުމަށް ކޯޓެއް މެދުވެރިކޮށް ގާއިމު ކުރަން ބޭނުންވާ ކައުންސިލްތަކުގެ މައްސަލަތައް ޝަރީއަތުން ވަކި ގޮތަކަށް ނިމުމުން ޝަރީއަތުން ކަނޑައަޅާ އެ އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ މިލްކު ތައް ވެސް ހަވާލު ކުރާނެ ކަމަށެވެ.