ދިރާގުން އިންތިޒާމުކޮށްގެން މި މަހު 12 ވަނަ ދުވަހު ބާއްވާ "ދިރާގު ރޯޑް ރޭސް"ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް މިއަދު ސަން އަށް ވިދާޅުވީ، 3000 މީހުންނަށް ބައިވެރިވެވޭ އެ ރޭހުގައި މިހާރު 2800 މީހުން ބައިވެރިވެފައިވާ އިރު ރޭހުގައި ބައިވެރިވެވޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

"ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ކުންފުނިތަކުން ވެސް ވަރަށް ބޮޑަށް އެދެމުންދާތީ މުއްދަތު އިތުރުކުރީ، ގާތްގަނޑަކަށް 200 އެއްހާ މީހުންގެ ޖާގަވެސް ނެތް. އެހެންވީމަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުލް ނުވާނެ ކަމެއް ވެސް ނޭނގެ." އިމްޖާދު ވިދާޅުވި އެވެ.

އެރޭހުގައި ބައިވެރިވެވެނީ www.dmrr.mv މެދުވެރިކޮށް އޮންލައިން ކޮށެވެ. މިފަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޑެޑިކޭޓް ޔުއާ ރަން ޓު ޕްރޮޓެކްޓް ޗިލްޑްރަން" އެވެ.

އިމްޖާދު ވިދާޅުވީ އެރޭހަކީ ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައިނަލްއަގުވާމީ ރޭސްކަމަށްވާ އިރު މިފަހަރު ދުވާ ސަރަހައްދު ކަނޑައަޅާފައި ވަނީ ލަންޑަން މެރަތަންގައި ދުވާ ސަރަހައްދު ކަނޑައެޅި ޑޭވް ކަންޑީ ކަމަށެވެ.

ރޯޑްރޭހުގައި މިފަހަރު ދުވާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ 10 ކިލޯ މީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުމެވެ. އެއިން ކޮންމެ ބަޔަކަށް ވެސް އެއް ވަނަ ދެވަނަ އަދި ތިންވަނަ އިނާމު ދޭނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.