މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމާފައިވާ 20 މިލިއަން ރުފިޔާ ޕާޓީތަކުގެ މެދުގައި ބަހާނެ އުސޫލް ކަނޑައަޅައިފި އެވެ. އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ އަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ 46608 މީހުން ރަޖިސްޓްރީގައި ތިބި އެމްޑީޕީ އަށް ހަތް މިލިއަން ދޫކުރުމަށް ނިންމާފައިވާ އިރު 36236 މެމްބަރުން ހިމެނޭ ދެ ވަނަ އަށް އެންމެ ބައި ގިނަ ޕާޓީ ކަމަށްވާ ޕީޕީއެމް އަށް 5.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު 14750 މީހުން ރަޖިސްޓްރީގައި ތިބި ޑީއާރްޕީ އަށް 2.2 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.

ރަޖިސްޓްރީގައި 13990 މީހުން ތިބި ޖުމްހޫރީ ޕާޓީ އަށް 2.1 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ އިރު އަދާލަތު ޕާޓީ އަށް 1.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި 7666 ރަޖިސްޓްރީގައި ތިބި އެމްޑީއޭ އަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު އައިޑީޕީ އަށް 325،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ ހަތް ޕާޓީ އަކަށް ކަމަށާއި އަނެއް ހަތް ހަތް ޕާޓީ އަށް ފައިސާ ދޫނުކުރަނީ އިލެކްޝަނުން އަންގާފައިވާ ތާރީހަށް އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަނާޅާތީ ކަމަށެވެ.