ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހާ ގުޅިގެން ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ސިރިސޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް އެހެން ގައުމުތަކުންދޭ ތަފާތު އަދަބުތައް އޭނާ ވަނީ ދިރާސާކޮށްފައެވެ.

އެގޮތުން، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ލަންކާ ރައްޔިތުންގެ ހިޔާލުގެ ހޯދުމަށްފަހު ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ. ނަމަވެސް ހިޔާލު ހޯދަން ފަށާނީ ކޮންއިރަކު ކަމާއި ހިޔާލު ހޯދާނެ ގޮތެއް އޭނާ ވިދާޅެއް ނުވެއެވެ.

"ބައެއް މީހުންނަކީ ދުވާލެއްގެ މައްޗަށް ތިން ކެއުން ނުކުވޭހާ ފަގީރު މީހުން. އެކަމަކު އެމީހުންނަށް ސިގިރޭޓާއި މަސްތުވާތަކެތި ގަތުމަށް ފައިސާ ހުރޭ. މިއީ ކޮންމެ ގޮތަކުން ވެސް ހުއްޓަންޖެހިފައިވާ އިޖްތިމާއީ ބޮޑު ކާރިސާއެއް،" ސިރިސޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާނެ އެވެ. ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެ އަދަބު ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

"މަރުގެ އަދަބު ދިނުމަކީ ޖަވާބެއް ނުވަތަ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް ދުނިޔޭގެ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާ އާއި ލަންކާގެ ބައެއް ޖަމިއްޔާތަކުން ބުނި ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން މި އަދަބު ދެމުންދޭ،" ސިރިސޭނާ ވިދާޅުވި އެވެ.

މައުލޫމާތު: ލަންކާގެ ނޫސް އެޖެންސީތައް