ތަހުގީގު މަރުހަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހާޒިރުކޮށް ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވުމަށް ދައުލަތުގެ ވަކީލުން އޭނާ އަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ދެއްކި ވާހަތައް ދައުލަތުން ދޮގުކޮށްފި އެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ އަފްރާޝީމް މަރާލިކަމަށް އެއްބަސްވީ ފުލުހުންނާއި ޕީޖީ އޮފީހުން މަޖުބޫރު ކުރުމުން ކަށާއި ފުލުހުން ބިރުދެއްކުމުން އަމިއްލަ އަށް މަރުވާން ވެސް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ހުމާމަށް ވަނީ ބައި ގަޑިއިރުގެ ފުރުސަތެއް ދީފަ އެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަމުން ހުމާމް ބުނީ އަފްރާޝީމު މަރާލި ކަމަށް އެއްބަސްވަންދެން ފުލުހުން އޭނާ އަށް ތަފާތު އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށެވެ. އެގޮތުން ނިދާފައި އޮއްވައި ނިދިން ހޭލައްވައި އޭނާއާ ދިމާލަށް ގުރުއާނުގެ ތަރުޖަމާ ފުލުހުންގެ އިސްވެރިޔަކު އެއްލާލި ކަމަށް ހުމާމް ވަނީ ބުނެފަ އެވެ.

އަފްރާޝީމުގެ ފޮޓޯ ދައްކާ "ބިރުގަންނަ ކަހަލަ އެތައް ވާހަކަތަކެއް ފުލުހުން ދެއްކި" ކަމަށް ހުމާމް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވެ އަމިއްލަ ނަފްސަށް އެތައް އަނިޔާއެއް ދޭން މަސައްކަތް ކުރި ކަމަށާއި "އަމިއްލަ އަށް މަރުވާން ވެސް މަސައްކަތް ކުރިން" ކަމަށް ހުމާމް މިއަދު ބުންޏެވެ. ނަމަވެސް މަރުވާން އުޅުނު ގޮތުގެ ތަފްސީލެއް ހުމާމް ނުދެ އެވެ.

ހުމާމަކީ ނަފްސާނީ މައްސަލަތަކަކަށް ފަރުވާ ހޯދަން ޖެހޭ މީހެއް ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ސިޓީ އެއްވެސް އޭނާ ވަނީ މިއަދު ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ނަފްސާނީ ކަންކަމަށް މެޑިކަލް ރިޕޯޓެއް ހަދަން ބޭނުންވާ ކަމަށް ހުމާމް އެދިފައިވާ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހާޒިރުކޮށް ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވުމަށް ދައުލަތުގެ ވަކީލުން ހުމާމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ދެއްކި ވާހަތައް ދައުލަތުން ވަނީ ދޮގުކޮށްފަ އެވެ.

ޕީޖީ އޮފީހަށް ހުމާމް ގެންގޮސްފައި ވަނީ އެއްވެސް ހާލެއްގައި ޝާރީއަތުގައި ކަން ކުރަންވީ ގޮތުގެ ވާހަކަ ދައްކަން ނޫން ކަމަށާއި، އަފްރާޝީމުގެ މަރުގެ ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ސާފުކުރުމަށް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާ އަކާ ގުޅިގެން، ދައުވާ ރައްދުވާ ފަރާތް އެ އޮފީހަށް ހާޒިރުކުރެވެން ޖެހެނީ ކޮން ބޭނުމަކުތޯ ހުމާމްގެ ވަކީލު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލުކޮށްފަ އެވެ.

ހުމާމްގެ ވާހަކަތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ދައުލަތުން ބުނުމުން އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ މައްސަލައާ ބެހޭ ގޮތުން ދައްކަން ހުރި ހުރިހާ ވާހަކައެއް ދައްކާ ހުލާސާ ބަޔާން އިއްވުން ދެއް އޮއްނަ ޝަރީއަތުގެ މަޖިލީހުގައި ފުރުސަތު ދޭނެ ކަމަށެވެ. އަދި އެއީ މައްސަލައިގެ އެންމެ ފަހު އަޑު އެހުން ކަމަށްވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައްބާސް ޝަރީފެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުލްޢަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފު އެވެ.