ފީފާގެ ރައީސް ޖޯސެފް ބްލެޓާގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ފިފާގެ ސެކްރެޓަރީ ޖެނަރަލް ޖްރޯމް ވޯލްކޭވެސް ފީފާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި ފީފާގެ އެކިކަންކަމުގައި ރިޝްވަތުގެ ގޮތުގައި 10 މިލިއަން ޑޮލަރުގެ ބޭންކު މުއާމަލާތްތައް ކޮށްފައިވާ ކަމަށް ފީފާގެ ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގު ކުރަމުންދާ އެމެރިކާގެ ފެޑްރަލް އިދާރާއިން ބުނެފިއެވެ.

ފެޑްރަލް އިދާރާއިން އިއްޔެ އާންމުކޮށްފައިވާ ބައެއް މައުލޫމަތުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ ޖްރޯމް އިސްވެ ހުރެ ފީފާގެ އެކައުންޓްތަކުން ފީފާގެ ކުރީގެ ނައިބްރައީސް ޖެކްވާނާގެ ކޮންޓްރޯލް އޮންނަ އެކައުންޓަކަށް 10 މިލިއަން ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. މިމުއާމަލާތް ކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

ޖެކްވާނާއަކީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފީފާގެ މައި މަރުކަޒު ހުންނަ ސްވިޒަލޭންޑްގެ ޒިޔުރިކްގެ ބާއައުލެކް ހޮޓެލުގައި ކޮރަޕްޝަންގެ އަމަލްތަކެއް ހިންގަވަމުން ދަނިކޮށް ޒިޔުރިކްގެ ފުލުހުން ހައްޔަރު ކުރި ބޭފުޅެކެވެ. މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ ވަގުތީ ގޮތުން ޖެކްވާނަ ޖަލުން ދޫކޮށްލާފައެވެ. ނަމަވެސް އެމެރިކާގެ އެޓާނީ ޖެނަރަލް އޮފީހުންވަނީ އޭނާގެ މައްސަލަ ޝަރީއަތަށް ފޮނުވާފައެވެ.

ފީފާގެ ކުރީގެ ނައިބުރައީސް: އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ މައްސލަ ތުހުމަތު ކުރެވިފައި --- ފޮޓޯ/ ނިއުސް ޕަވާ

ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ ޖެކްވާނާގެ ކޮންޓްރޯލް އޮންނަ އެކައުންޓަކަށް ފީފާގެ އެކައުންޓުން ފައިސާ ފޮނުވި ނަމަވެސް، އެފައިސާ ބޭނުންކުރީ ރިޝްވަތުގެ ގޮތުގައި ކަމެއް ފީފާގެ އިސްވެރިންނަށް އެނގިވަޑައިގެންނަވާކަން ފެޑްރަލް އިދާރާއިން ހާމަކޮށްފައިވާ މައުލޫމަތުތަކުން އެނގެން ނެތް ކަމަށެވެ.

ފެޑްރަލް އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ފީފާގެ އެހެން އޮފިޝަލުންނާއެކު ހިންގެވި ކޮރަޕްޝަން އަމަލުގައި ޖްރޯމް ބައިވެރިވި ކަމެއްވެސް އެނގެން ނެތްކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ.

ޖްރޯމް އިސްވެ ހުންނަވައި ފީފާގެ އެކައުންޓުން ޖެކްވާނާގެ ކޮންޓްރޯލް އޮންނަ އެކައުންޓްކަމަށް ބުނެ ފައިސާ ފޮނުވާފައިވަނީ ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ކަންކަން ހިންގުމަށް ފައިސާ ހަރަދު ކުރުމަށް ނިންމާފައިވާ އެކައުންޓަށެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ބިޑް އެގައުމުގެ ކޮޅަށް ކާމިޔާބު ކުރުމަށް ޖެކްވާނާ ރިޝްވަތު ހިފައި އަދި ފީފަގެ އެހެން އޮފިޝަލުންނަށްވެސް ރިޝްވަތު ދީފައިވާކަމަށް އޭނާއާ މެދު ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް ދެކުނު އެފްރީކާގެ ވޯލްޑްކަޕް އިންތިޒާމްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި އަދި މިހާރު އެގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޑެނީ ޖޯޑަން ވިދާޅުވީ ފީފާއިން ފޮނުވި ފައިސާއިން އެއްވެސް މީހަކަށް އަދި އެއްވެސް ކަމަކަށް ރިޝްވަތުގެ ގޮތުގައި ހަރަދުކޮށްފައި ނުވާނެ ކަމަށެވެ.

ފީފާގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމުގައި އިސްކޮށް ހުންނެވި ޖްރޯމް ފޮނުވާފައިވާ އީމެއިލް މެސެޖެއްގައި ބުނެފައިވަނީ އޭނާއަކީ ފީފާގެ ފައިސާއާ ބެހޭ އެއްވެސް ކަމެއްގައި މަސްއޫލިއްޔަތު ފަރާތެއް ނޫންކަމަށާއި އަދި އެފަދަ އެއްވެސް ކަމެއްގައި އެއެވެސް ވަރަކަށް އޭނާގެ ހިއްސާއެއް ނޯންނާނެކަމަށެވެ.

ޖްރޯމް ގެ އިތުރުން ފީފާގެ 11 އޮފިޝަލަކާ ދެކޮޅަށް ކޮރަޕްޗަންގެ ދައުވާ ކުރުމަށް އެމެރިކާގެ އެޓާނީ ޖެނަރަލް އޮފީހުން ދަނީ ތައްޔާރު ވަމުންނެވެ.