އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މަތީ ތައުލީމުގެ 10 ފުރުސަތެއް ރާއްޖެ އަށް ދީފި އެވެ.

އެ ސްކޮލަޝިޕްގެ ފުރުޞަތަކީ "އޯއައިސީ" މެމްބަރު ގައުމުތަކުން ވާދަކުރާގޮތަށް މިޞްރު ސަރުކާރުން ހުޅުވާލާފައިފައިވާ 10 ސްކޮލަޝިޕްގެ ފުރުޞަތެކެވެ.

ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް ބެޗްލާސް ޑިގުރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:30ގެ ކުރިން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އެޑިޕާޓުމަންޓަށް ހުށަހަޅަންވާނެ ކަމަށެވެ.

އެޑިޕާޓުމަންޓުން ބުނީ އެކަމަށް އެދި ހުށަހަޅާ ފަރާތަކީ ޖީ.ސީ.އީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ޑިޕާޓުމަންޓުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިސްރު ސަރުކާރުގެ ސްކޮަލާޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

އެ ކޯސްތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން ތައުލީމީ ސެޓިފިކެޓުތަކާއި މާކްސްޝީޓުގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު ހުށަހަޅަންވާނެ އެވެ. އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެ ކަމަށް ވެސް އެ ޑިޕާޓުމަންޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.