01 Mar 2011, 12:36
ލޯކަލް ގަވާމަންޓް އޮތޯރިޓީ )އެލްޖީއޭ(ގެ މެމްބަރު ކަމަށް މާލެ ސިޓީ ކައުންސިލުގެ މައިޒާން އަލިމަނިކު އަދި އައްޑޫ ސިޓީ ކައުންސިލުން އަހުމަދު މިރުޒާދު ހޮވިވަޑައިގެންފި އެވެ.
މާލޭގެ މޭޔާ ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެލްޖީއޭ އަށް މެންބަރަކު ކަނޑައެޅުމަށް ނެގި ވޯޓުގައި، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއުއާ ވާދަކުރައްވައި، ހުޅުހެންވޭރު ދާއިރާގެ މައިޒާން އަލިމަކު ހޮވިވަޑައިގަތީ، އަށް ވޯޓު ލިބިވަޑައިގެން ކަމަށެވެ. ސުޖާއު އަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.
އެ ވޯޓުގައި އާދަމް މަނިކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
"އަޅުގަނޑަކީ ރިޔާސަތު ކަމަށްވާތީ އަޅުގަނޑު ވޯޓެއް ނުދެން. އެހެންނަމަވެސް، އަޅުގަނޑުގެވެސް ހިތް އޮތީ އަލިބެއާއެކީގައި. އެއީ އަޅުގަނޑުގެ ނަން ހުށަހެޅުނީމަ އަޅުގަނޑުގެ ނަން ވިތުޑްރޯ ވެސް ކުރިން އަލިބެގެ ނަން ހުށަހެޅުމާ ގުޅިގެން. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ކައުންސިލްގެ 99 ޕަސަންޓު ތާއީދު އޮތް ބޭފުޅެކޭ އެއީ." މާލޭގެ މޭޔާ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ، ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލަށް ފޭދޫ ދާއިރާއިން އިންތިހާބުވެވަޑައިގެންނެވި މިރުޒާދު، އެލްޖީއޭގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ތިން ކައުންސިލަރުން ވޯޓު ދެއްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލްގައި އެ ވޯޓު ލާން ހަމަ ކަރުދާހުގައި ހަ މެމްބަރުންގެ ނަން ޖަހައިފައި، މެމްބަރަކު ބޭނުން ފަރާތަކަށް ވޯޓުދޭ ގޮތަށް ވޯޓު ކަރުދާސް ތައްޔާރުކޮށްފައި އޮތީ." ސޯބެ ވިދާޅުވި އެވެ.
އެލްޖީއޭ އަށް ރައީސް އައްޔަންކުރައްވައިފައިވާ ހޯމް މިނިސްޓާ ހަސަން އަފީފް މިއަދު ވިދާޅުވީ، އެ އޮތޯރިޓީގެ ބައްދަލުވުމެއް މިއަދުގެ ކޮންމެވެސް ވަގުތެއްގައި އޮންނާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ޑިސްކަސް ކުރަން. މިސާލަކަށް އަތޮޅު ކައުންސިލްތަކުން އޮތޯރިޓީ އަށް ހަތަރު މެމްބަރުން ހޮވާނެ ގޮތެއް ވެސް ކަނޑައަޅަން އެބަޖެހޭ." އަފީފް ވިދާޅުވި އެވެ. ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ކ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލުން އަތޮޅުވެރިކަން ބަދަލުކުރި މައްސަލައާ މެދު ވާހަކަދެއްކެވުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އައްޔަންކުރައްވާ ވަޒީރަކާއި، ދެ ސިޓީން އެ އޮތޯރިޓީ އަށް އައްޔަންކުރާ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެ އޮތޯރިޓީއަށް ހަމަޖައްސާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން މީހެކެވެ.