މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ދައްކާ ކޭޝްކާޑް ކަމަށްވާ "ވާރު ކާޑް" ދޫކުރަން ފަށައިފި އެވެ.

މީރާގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިހާރު މީރާ ސައިޓުން އެކާޑަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އެފޯމް ބީއެމްއެލް އަށް ހުށައަޅާތާ ދެ ތިން ދުވަސް ތެރޭ އެކާޑް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ވާރު ކާޑަކީ މީރާ ކަނެކްޓް ބޭނުންކުރާ ހުރިހާ ފަރާތަަކަށް ހިލޭ ދޫކުރާ ކާޑެއް، މިހާރު އެކާޑަށް އެދޭ ފޯމް ވެބްސައިޓުން ލިބޭނެ." މީރާ އިން ބުންޏެވެ.

ހަމައެކަނި ޓެކްސް ދެއްކުމަށް ބޭނުންކުރެވޭ އެ ކާޑު ޑޮލަރު އެކައުންޓަކަށް ނުވަތަ ރުފިޔާ އެކައުންޓަކަށް ވެސް ލިންކް ކޮށްލެވެ އެވެ.

މީގެ ކުރިން މީރާ އިން ވަނީ އޮންލައިން ކޮށް ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ނިޒާމެއް ގާއިމުކޮށްފަ އެވެ. އެހެންކަމުން މި ހިދުމަތާ އެކު ޓެކްސްއާ ގުޅޭ ހުރިހާ ކަމެއް އޮންލައިންކޮށް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔައީ އެވެ.

އޮން ލައިންކޮށް ފައިސާ ދެއްކުމަށް ކޮންމެ ބޭންކެއްގެ އެކައުންޓެއް ވެސް ބޭނުންކުރެވިދާނެ ކަމަށް ޓެކްސްޕޭޔާ ސާވިސްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަރީފު ވިދާޅުވި އެވެ. އަދި ކޭޝް ކާޑު ބޭނުންކޮށްގެން ވެސް ޓެކްސް ފައިސާ އޮންލައިންކޮށް ދެއްކޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.