02 Jun 2015, 13:08
މިދިއަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ސަފު ފޫއަޅުވާލައި ޕިކަޕު ދުއްވި ޑްރައިވަރު ދައުވާއަށް އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ހެކި ހުށަހަޅައިފި އެވެ.
ފުލުހުންގެ ސަފު ފޫއަޅުވާލި ޕިކަޕު ޑްރައުވަރު ބާސިތު އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓް ސަރަހައްދުގެ މަގުތަށް މުޒާހަރާގެ ބައިވެރިންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް، ބާސިތު އެ ސަރަހައްދަށް ޕިކަޕުގައި ވަދެފައިވާ ކަމަށެވެ. އަދި އޭނާ އެ ސަހައްދަށް ވަދެފައި ވަނީ އެތާ ހަރަކާތްތެރިވި ފުލުހުންގެ ސަފުގައި ލޮރީން ޖައްސައި، ފުލުހުންގެ ސަފު ފޫއަޅުވާލާފައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
އަދި ފުލުހުން ލޮރީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ފުލުހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ޕިކަޕު ދުއްވާފައިވާ ކަމަށް ވެސް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ބާސިތު ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކިންގެ ގޮތުގައި 25 ފުލުހުން އަދި ފޮޓޯ އާއި ވީޑިއޯ ހުށަހަޅާފަ އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި، ފުލުހުންގެ ސަފު ފޫއަޅުވާލައި ބާސިތު ޕިކަޕި ދުއްވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުންވެސް ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ބާތިސު ޕިކަޕު ދުއްވާލާފައި ވަނީ ފުލުހުން ބެރިކޭޑްޖަހާ މަގު ބަންދުކޮށްފައިވަނިކޮށް ބެރިކޭޑް ފަޅާލާފަ އެވެ.
ބާސިތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެދުވަހުގެ މުޒާހަރާއާ ގުޅިގެން ބާސިތިގެ އިތުރުން އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އޭގެތެރޭގައި ހިމެނެނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޖޭޕީގެ ފޮރިން އެންޑް ޕަބަލިކް ރިލޭޝަންސް، ސޮބާހު ރަޝީދު އެވެ. މިތިން މީހުންގެ ޝަރީއަތް ވެސް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.