02 Jun 2015, 13:09
ރ. އަތޮޅުގައި ދާދިފަހުން އެއާޕޯޓެއް ހިންގަންފެށި ރ. އިފުރަށް މުދާ އުފުލާ ދޯންޏެއް ގިނަ އަދަދެއްގެ މުދަލާ އެކު އެ އަތޮޅު އުނގޫފާރު ނެރަށް އަރައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 12:30 އެހާކަންހާއިރު މާލެ އިން އިފުރަށް އެ ދޯނި ދަތުރުކުރަނިކޮށެވެ. އުނގޫފާރު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުﷲ އިމާދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގި އިރު އެ ދޯނީގައި ހަތަރު ދިވެހިންނާއި އެއް ބިދޭސީއަކު ހުރި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއް ނުވާ ކަމަށް އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ދޯނި ފަރަށް އަރަން ދިމާވީ ދޯނީގެ އިންޖީނު ރޫމުގައި ދިޔަހެދި އިންޖީނު ފެނުގެ ތެރެއަށް ދިއުމުގެ ސަބަބުން އިންޖީނު ނިވިގެން ކަމަށެވެ. އެވަގުތު ދޯނީގެ އޮޓޯ ޕަމްޕް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދޯނީގައި މަސައްކަތްކުރި ފަރާތްތައް ބުނަނީ އެވަގުތު މުދާތައް ބަހައްޓާފައި ހުރީ އިންޖީނު ރޫމުގެ މަތީގައި ކަމަށް. ދެން ދޯނި އެއްފަޅިއަކަށް އަރިކޮށް އޮތީމާ އެނގުނީ ދިޔަ އަރާކަން، އެކަން އެނގުނު އިރު އިންޖީނު ރޫމުގައި ހުރީ ދިޔަ ބޮޑުވެފައި،" އިމާދު ވިދާޅުވި އެވެ.
"ދޯނީގެ ތެރޭގައި ދިޔަ ބޮޑުވާކަން އެނގުމުން އެންމެކައިރީގައި އޮތީ އުނގޫފާރު ކަމަށް ވާތީ، އަވަހަށް އައިސް އުނގޫފާރު ބަނދަރަށް ވަންނަން އުޅެނިކޮށް އިންޖީނު ނިވުނީ" ކަމަށް އިމާދު ވިދާޅުވި އެވެ. އަދި ދޯނި ދިޔަވި ވަގުތު އޭގައި 80 ބަސްތާ ސިމެންތި އާއި 1000 ގަނޑު ތިނުގެ އިތުރުން، އިތުރު މުދާތައް ވެސް ހުރި ކަމަށް އިމާދު ވިދާޅުވި އެވެ.
ނަމަވެސް މިހާރު އުނގޫފާރު ރައްޔިތުންނާއި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީގައި ދޯނި ނެރުގެ ފުން ހިސާބަށް ނެރި، ދޯނީގައި ހުރި ޓިނުތައް އުނގޫފާރަށް އަރުވާފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ.
އެ ސަރަހައްދަށް މޫސުން ވަރަށް ގޯސްވެ ކަނޑު ގަދަވެ ވާރޭވެހެމުން އަންނަ ކަމަށް އިމާދު ވިދާޅުވި އެވެ.