ކެރޭނަކުން ދޯންޏަކަށް ލަކުޑި ބަރުކުރަމުންދަނިކޮށް، ކެރޭނުގެ ވާގަނޑު ކަނޑައިގެން ގޮސް ލަކުޑިގަނޑަކުން މީހެއްގެ ގައިގައި ޖެހި އަނިޔާވެއްޖެ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ މިއަދު ހެނދުނު އެމްޕީއެލް ސަރަހައްދުގައި ހިނގި އެ ހާދިސާގައި ކެރޭނެއްގެ ދަގަނޑު ވައިރު ބުރިވެ، ކެރޭނުން ލޯޑުކޮށްފައިވާ ލަކުޑި ބަންޑެލި ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބަނދަރު ސަރަހައްދުގައި ހުރި ލަކުޑިބަންޑެލިތަކެއް ދޯންޏަށް ބަރުކުރުމުގެ ތެރޭގައި ހިނގި އެ ހާދިސާގައި، އަނިޔާވި މީހާ މޫދަށް ވެއްޓުނެވެ. އޭނާ މޫދަށް ވެއްޓުނީ ކެރޭނުގެ ވައިރު ކަނޑައިގެން ގޮސް ބިންމައްޗަށް ފޭބި ލަކުޑިގަނޑަކުން ޖެހި ކަމަށް މަންޒަރު ދުއް މީހުން ބުންޏެވެ.

މޫދަށް ވެއްޓުނު މީހާގެ ބޯފަޅައިގެން ދިއުން ފިޔަވައި މާ ބޮޑު އަނިޔާއެއް ބޭރު ފުށުން ފެންނަން ނެތް ކަމަށާއި ނަމަވެސް މޭކަށިގަނޑަށް ގެއްލުންވެފައި ހުރެދާނެ ކަމަށް ޒަހަމްވި މީހާގެ އެކުވެރިޔަކު ބުންޏެވެ.

ފުލުހުން ބުނީ އެމްޕީއެލް ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ލަކުޑި ގަނޑަކުން ޖެހި މޫދަށް ވެއްޓުނު މިހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެމީހާއަށް މާބޮޑު ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.