ރޯދަ މަހަށް ކައުބާ ސާފުކުރުމުގެ މަސައްކަތުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީރު އަލް ސަޢުދު ބައިވެރިވެވަޑައިގަންނަވާ، މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެގައުމުގެ ގައުމީ ޓީވީން އާއްމުކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ޓީވީން އިއްޔެ އާއްމު ކުރި ވީޑިއޯ އިން ފެންނަނީ ކައުބާ ސާފު ކުރެއްވުމުގައި ރަސްގެފާނު ސަލްމާން ބައިވެރިވަޑައިގަންނަވާ މަންޒަރާއި ކައުބާގައި ނަމާދެއް ކުރައްވައި ދުއާ ކުރައްވާ މަންޒަރެވެ.

އެމަނިކުފާނު އަރިހުގައި ހަރަމްފުޅުގެ އިމާމު ޢަބުދުއް ރަޙުމާން ސުދައިސް ވެސް ނަމާދު ކުރައްވާ މަންޒަރު ފެނެ އެވެ.

ސައުދީ ގެޒެޓް ނޫހުން ބުނީ ކައުބާ ދޮންނެވުމަށް ޓަކައި ހަރަމްފުޅަށް ރަސްގެފާނު ކުރެއްވި ޒިޔާރަތުގައި އޭނާގެ އަރިހުގައި ވަލީއަހުދު މުޙައްމަދު ބިން ނާއިފު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މައްކާ އިން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ މައްކާގެ އަމީރު ޚާލިދު އަލް ފައިސަލް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ރޯދަ މަހަށް ކައުބާ ދޮވުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.