29 Sep 2015, 14:12
ރާއްޖޭގެ 112 ސްކޫލެއްގެ ގްރޭޑް ހަތަރެއް އަދި ގްރޭޑް ހަތެއްގައި ކިޔަވާ ދަރިވަރުންގެ ފެންވަރު ބެލުމަށް ނެޝަނަލް އެސެސްމަންޓެއް ދިނުމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ދަރިވަރުންނަށް ދޭ ތައުލީމާއި އެ ކުދިންގެ ފެންވަރު ވަޒަން ކުރުމަށް މި އިމްތިހާނު ދޭނީ އިނގިރޭސި އާއި ހިސާބާއި ދިވެހި މާއްދާ އިންނެވެ.
ހިސާބު އިމްތިހާނު އަންނަ މަހުގެ 12 ގައި ބާއްވަން ހަމަޖެހިފައި ވާއިރު 13 ވަނަ ދުވަހު އިނގިރޭސި އިމްތިހާނެއް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިމްތިހާންގައި ބައިވެރިވާ ކޮންމެ ގްރޭޑަކުން ވެސް 2،500 އެއްހާ ދަރިވަރުން އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީން ބުނީ ސުވާލު ކަރުދާހުގެ އިތުރުން، މާއްދާތަކުން ކުދިންގެ ފެންވަރަށް އަސަރު ކުރާ ސަބަބު ދެނެގަތުމަށް ބޭއްވޭ އިމްތިހާނުގައި ދަރިވަރުންނާއި ޓީޗަރުންނަށް ސާވޭ ސުވާލުތަކެއް ދޭނެ ކަމަށެވެ.
ނެޝަނަލް އެސެސްމަންޓުގެ އެހީގައި ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ވަޒަން ކުރެވި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަ ވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދިވެހި މާއްދާގެ ޕައިލެޓް އިމްތިހާނު 11 ސްކޫލެއްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.