02 Jun 2015, 10:37
ނަސަންދުރާ ކޮށީގައި އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް ހިންގާ އިމާރާތުގެ ބަދަލުގައި އެ ކުންފުންޏަށް ދީފައިވާ ރާވެރިޔާ ބިމުގައި އާ އިމާރާތް ތަރައްގީ ކުރުމަށް ފަހު އެކުންފުނީގެ ހުރިހާ ޑިޕާޓްމެންޓެއް އެ އިމާރާތަށް ބަދަލުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް މިއަދު ސަން އަށް ވިދާޅުވީ މިހާރު އެ ކުންފުނި ހިންގަމުން ދަނީ އެކި ޑިޕާޓްމެންޓް އެކި އިމާރާތްތަކުގައި ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތަށް ބޮޑު ހުރަސްތަކެއް އެޅި އިންތިހާއަށް ހަރަދު ބޮޑު ކަމަށެވެ. އެކުންފުނީގެ ވިސްނުމަކީ ރާވެރިޔާ ބިމުގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހަދައި ހުރިހާ ޑިޕާޓްމެންޓެއް އެތަނަށް ބަދަލު ކުރުން ކަމަށް ހާރިޝް ވިދާޅުވި އެވެ.
"ސުޕޭސް ދަތިވެގެން އަޅުގަނޑުމެން އެކި ޑިޕާޓްމަންޓް އުޅެން މިޖެހެނީ އެކިތާ. މިއީ ވަރަށް އުނދަގޫ ހަރަދު ބޮޑުކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ޕްލޭނަކީ އަޅުގަނޑުމެން އެދިމާލަށް ގޮސް އެތަން ރަނގަޅު ފެންވަރަކަށް ހަދައިގެން އަޅުގަނޑުމެން މޫވްކުރުން." ހާރިޝް ވިދާޅުވި އެވެ.

އާ އިމާރާތް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު މި އަހަރުގެ ނިޔަލަށް އިދާރީ މަސައްކަތް ނިންމާލައި އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.
އެކުންފުނި ފެށުނީންސުރެ ހެޑް އޮފީސް ހިންގަމުންދާ އިމާރާތަކީ މިހާރު އެކުންފުނި ހިންގަން އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށާއި ގިނަ ޓުރެއިނިންތަކެއް ކޮންމެ ދުވަހަކު ހިންގަން ޖެހޭ އިރު މިހާރުގެ އިމާރާތުން އެކަން ނުކުރެވޭ ކަމަށް ހާރިޝް ވިދާޅުވި އެވެ.
"މިއީ ވަރަށް މުސްކުޅި އިމާރާތެއް، އަޅުގަނޑުމެން 900 ވަރަކަށް މުއައްޒިފުން އެބައުޅޭ. އެހެންވީމާ އިތުރަށް ޑިވެލޮޕްކުރަން މިތަން މިއޮތީ ވަރަށް ބޮޑަށް ކުޑަވެފައި އިނގޭތޯ." ހާރިޝް ވިދާޅުވި އެވެ.